އަންނަ ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ދިނުމަކީ މާލޭގެ ރައްޔިތުން މަގުމަތިވެދާނެ ކަމަކަށް ވެދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާފަންނު މެދު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން ދެ ފަހަރު އެމަނިކުފާނަށް އިތުބާރު ކުރަށްވައި މަސްއޫލިއްޔަތު ހަވާލުކުރަށްވާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ މޭޔަރު އިންތިހާބާއި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް މާލޭގެ ބޮޑު އަޣުލަބިއްޔަތެއް މާލޭ ރައްޔިތުން އެމަނިކުފާނަށް ދެއްވި ކަމަށާއި އެ އިތުބާރު ތިން ފަހަރަށް ވެސް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން އެމަނިކުފާނު މޭޔަރު ކަމަށް އިންތިހާބުކުރި ނަމަވެސް ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ސިޓީ ކައުންސިލުން ކުރަން ބޭނުންވި ކަންކަން ކުރުމަށް އެއްބާރުލުން ނުދެއްވި ކަމަށެވެ. އެހެންކަމުން މިދިޔަ ރިޔާސީ އިންތިހާބުގައި މާލޭގެ ރައްޔިތުން އެމަނިކުފާނާއި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވީ އޭރު ނުކުރެވި ހުރި ކަންކަން ކުރުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފަސް އަހަރު މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީ އަތުގައި ކަމަށާއި މެޖޯރިޓީ އޮވެގެން މާލޭގެ ރައްޔިތުންނަށް މާ ބޮޑު ކަމެއް ނުކޮށްދެވުނު ކަމަށެވެ. އެހެންކަމުން އެ ޕާޓީއަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

"މި ފަސް އަހަރު އަނެއްކާ އެމްޑީޕީއަށް މަޖިލިސް ދީގެން، ސަރުކާރަށް ހުރަސް އަޅަން ފުރުސަތު ދިނުން، މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމަކަށް ވެދާނެ ކަމަކަށް އަޅުގަނޑަށް ފެންނަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ވަނީ މާލެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ހައްލު ކުރަށްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ޓްރެފިކް މެނޭޖްމަންޓާއި ޕާކިން މައްސަލައާއި ގެދޮރުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ރައީސް ވަނީ އަންނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"މިފަސްއަހަރު ނިމިގެންދިޔައިރު މިފަސްއަަހަރު މަޖިލީހުގައި މަސައްކަތްކޮށް މާލޭގެ ރައްޔިތުންނަށް އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ކަމެއް ނުކޮށްދެވުނު ބޭފުޅުންނަށް ދެވަނަ ފަހަރު ފުރުސަތެއް ދިނުމުގެ މާނައެއް ދެއްކޭކަށެއް ފެންނާކަށެއް ނެތް، އެހެންވީމަ މިކަމުގައި ދެން އިސްކުރަންވީ ހަމަ ގައުމީ ވިސްނުން، ތަރައްގީގެ ވިސްނުން، މިނިވަންކަމުގެ ވިސްނުން، ދީނާއި ގައުމިއްޔަތުގެ ހައްގުގައި ސަރުކާރުން މިކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމުގެ ވިސްނުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން