ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރުން ބުނާހާ ގޮތަކަށް ވޯޓު ދޭން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރައްދު ދެއްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުފުއްދަން 200 އަށް ވުރެ ގިނަ ގާނުނު ފާސްކުރަން ޖެހޭ ކަމަށާއި އެހެންވެ މަޖިލިސް މެޖޯރިޓީ ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.

އެގޮތުން ބިމާބެހޭ އާ ބިލަކާއި ބޯހިޔާވަހިކަމާ ބެހޭ ހާއްސަ ބިލަކާއި ރިއަލް އެސްޓޭޓާ ބެހޭ ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ހަސަން ލަތީފް ވިދާޅުވީ މަޖިލިސް މެމްބަރަކީ ބަދަލު ހިފުމުގެ ރޫހު ހުރެގެން ވާނެ ބަޔަކަށް ވާން ނުޖެހޭ ކަމަށެވެ. އެކަމަކު އެއީ ސަރުކާރުން ބުނާހާ ގޮތަކަށް ވޯޓު ދޭން އިންނަ މީހަކަށްވެސް ވެގެން ނުވާނެ ކަމަށެވެ.

"ރައްޔިތުންނަށް ބޭނުންތެރި މަސައްކަތް ކުރާ އަދި ސަރުކާރު ޖަވާބު ދާރީ ކުރުވާ މީހަކަށް ވާން ޖެހޭ." ހަސަން ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ހަސަން ލަތީފް ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީއިން ވެސް ވާދަކުރާއިރު "ސަޕްރައިޒިން" އަދަދެއްގެ ގޮނޑި ނަގާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން