ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ތިން ދުވަސް ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާާން ރޭ ވިދާޅުވީ ފާއިތުވި 72 ގަޑިއިރު ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުން 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ މަސްތުވާތަކެތީގެ މޫނުމަތީ އަގު 21.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ލިބެމުންދާ ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ސިފަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި އަމާޒު ހިފަނީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރާއްޖެއަކަަށް. ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންގެ މަސައްކަތާމެދު ފަހުރުވެރިވަން." އިހުސާން ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައިފަހުން ކަސްޓަމްސްގެ އުސޫލުތައް ހަރުދަނާ ކުރަން ފަށައި ރާއްޖެއަށް އެތެރެވާ މީހުންގެ ލަގެޖުތައް ޗެކުކުރުމުގައި ވެސް ވަރަށް ވަރުގަދަ އުސޫލުތަކެއް ވަނީ ގާއިމުކޮށްފަ އެވެ.

ހަމަ އެހެންމެ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ވަނީ ޑްރޯންވެސް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށައިފަ އެވެ.

އެއާއެކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ދެ ދޮރާށި ބަންދު ކުރެވިއްޖެކަމަށް ހޯމް މިނިސްޓްރީން މިދިޔަ މަހު ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން