މަޖިލިސް އިންތިހާބާ ދިމާކޮށް، ޕާޓީގެ އުސޫލާ ހިލާފަށް ކަމަށް ބުނެ، ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ އެމްޑީޕީގެ މީހެއްގެ ޓިކެޓް އަތުލި އިރު، އަލީ ވަހީދުގެ ޓިކެޓް ނާތުލީ އޭނާގެ އަތުގައި އެމްޑީޕީގެ ލީޑަޝިޕް ކޮމްޕްރޮމައިޒް ވާ ކަންތައްތަކެއް ހުރުމުން ތޯއޭ ވިދާޅުވެ ކޮންގްރެސް ޕާޓީގެ މަޖިލިސް އިންތިހާބާ ގުޅޭ ތަރުޖަމާނު ހީނާ ވަލީދު ސުވާލު އުފައްދައިފިއެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރު ކޯލިޝަނުން ސިލްސިލާކޮށް ގެނެސްދޭ ޕްރެސް ކޮންފަރެންސްގައި މިއަދު ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ޖިންސީ އަނިޔާއާއި ރޭޕްގެ ގިނަ މައްސަލަތަކެއް އަލީއާ ގުޅުވައިގެން ކުރިންވެސް ފެންމަތިވި ކަމަށެވެ. އަދި މިހާރު ޕީޖީއިން އެ މައްސަލަތައް އަނބުރާ ގެންދަވާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ އަލުން ފެންމަތި ވުމުން އެކަމާ ގުޅިގެން އެއްޗެއް ނުބުނެ އެމްޑީޕީއިން ކުރިއަށް ދާތީ އެކަމާ ސުވާލު އުފެދޭ ކަމަށް ހީނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ސުވާލު އުފައްދަން ބޭނުންވޭ، އެއީ ޕާޓީގެ އުސޫލާ އެއްގޮތް ވާ ކަމަކީތޯއޭ؟" ހީނާ ވިދާޅުވިއެވެ.

ޖިންސީ އަނިޔާއާއި ރޭޕްގެ ތުހުމަތުގެ ގިނަ މައްސަލަތަކެއް މިދިޔަ ސަރުކާރުގައި ފާހަގަ ކުރެވިފައި ވާކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަވެސް 'ހޯރަ އިއްބެ' މިނިވަން ކުރި ކަމަށް ހީނާ ވިދާޅުވިއެވެ. ނަމަވެސް އެކަމުގައި އޭރުގެ ރައީސް އެއްޗެއް ވިދާޅު ނުވެ ހުންނަވައި، އަނެއްކާވެސް ރައީސް އޮފީހުގައި އެފަދަ މައްސަލައެއް ފެންމަތިވި ކަމަށް ހީނާ ވިދާޅުވިއެވެ.

އޭގެ ފަހުން، މަޝްހޫރު 'ރޯޔަލް ރޭޕް ކޭސް' ވެސް މަޖިލީހަށް ހުށަހެޅި ނަަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވުނު ކަމަށް ހީނާ ވިދާޅުވިއެވެ.

"މިކަހަލަ އެއްވެސް ކަމަކާ އެމްޑީޕީއިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނެތް." ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި އެމްޑީޕީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ. އެހެންކަމުން، އެ ކަމަކީ ޕާޓީގެ އުސޫލާ އެއްގޮތް ކަމެއްތޯ ހީނާ ސުވާލު އުފެއްދެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން