ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ، ޕީޕަލްސް ނެޝެނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަަދަށް މެމްބަރުން ހަމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާތީ، ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

އެ ހުއްދަ ދޫކުރީ ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދުނު ރައީސް ޔާމިންގެ ދަރިކަލުން ޒޭން ޔާމީނެވެ. ހުކުމެއް އޮތުމުގެ ސަބަބުން ރައީސް ޔާމީނަށް ޕާޓީ އުފެއްދުމުގެ ހުއްދައެއް ނުލިބެއެވެ. އެކަމަކު އެމަނިކުފާނަށް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮތުމުން ޕާޓީއަށް ވަނީ ސޮއި ކުރައްވައިފަ އެވެ.

ކުރިން ޕީޕީއެމްގައި ހުންނެވި ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިިކަމުގެ ހުވާ ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެެވެ.

އޭގެ ފަހުން ދެ ބޭފުޅުންގެ ގުޅުން ވަނީ އެއްކޮށް ކެނޑިފަ އެވެ. އަދި ރައީސް ޔާމީން ދަނީ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ރައީސް ޔާމީންގެ ތާއިދުގައި ވަކިން ބޭފުޅުންތަކެއް ވާދަ ކުރައްވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން