ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަބަދުވެސް އޮންނަންވީ އިދިކޮޅު އެމްޑީޕީގެ އަތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކެންޑިޑޭޓުންގެ ތަރާވީހުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ބޭނުންވަނީ ރާއްޖެ ހަމަމަގަށް އެޅުވުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަބަދުވެސް އޮންނަންވީ އެމްޑީޕީގެ އަތުގައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ސީދާ ފައިދާވާ ކަމެއް ކުރަނީ ހަމައެކަނި އެމްޑީޕީން ކަމަށާއި އެޕާޓީގެ ސިޔާސަތުތައް ބަހައްޓަންކޮށްފައި ހުރީ އެގޮތަށް ކަމަށެެވެ.

"ވެރިކަމުގައި ތިއްބަސް ރައްޔިތުންގެ މަޖިލީހުގައި ތިއްބަސް އަޅުގަނޑުމެންގެ އަމާޒަކީ އެއީ، ރައްޔިތުންނަށް ސީދާ ފައިދާވާ ކަންތައްތަށް ކުރުން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރާއްޖޭގެ ރައްޔިތުން މިފަހަރު ވެސް ކާމިޔާބުކޮށްދޭނެ." މަޖިލީހުގައި 25 އަހަރު ދުވަހު ހިންނަވަރު ދާއިރާގެ ގޮނޑީގައި އިންނެވި ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ އައްޑޫގެ އަށް ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ގޮވާލައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީ އަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެ ކެންޑިޑޭޓުން މަޖިލީހުގައި ވަކާލާތު ކޮށްދެއްވާނެ ކަމަށެވެ.

"އެމްޑީޕީގެ ފަރާތުން އެބޭފުޅުން މަޖިލީހުގައި ވަކާލާތު ކުރަށްވައި އައްޑޫ ސިޓީގެ ތަރައްގީ އަށް ކުރަންޖެހޭ ކަންކަން ކުރުވުމުގައި މި ސަރުކާރު ޖަވާބުދާރީ ކުރުވައި ބާރު އަޅުވައި ރައީސް ޑރ. މުޢިއްޒު ކުރަން ވައުދުވެފައި ހުރި ކަންތައްތައް ކުރުވުމުގައި އެބޭފުޅުން ފަހަށްޖެހިވަޑައިނުގެން އެކަންތައްތައް ކޮށްދެއްވާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވެސް އައްޑޫގެ ތަރައްގީއަށް ކަންތައްތަކެއް ކޮށްދީފައި އޮތީ އެމްޑީޕީގެ ވެރިކަންތަކުގައި ކަމަށެވެ.

ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫގެ މަގު ހެދުމަށް 77 މިލިއަން ޑޮލަރު، އެއާޕޯޓު ތަރައްގީ ކުރުމަށް 26 މިލިއަން ޑޮލަރު އެގްޒިމް ބޭންކުގެ ފައިނޭންސިން އިން އޮތީ ހަމަޖެހިފައި ކަމަށެވެ. އޭގެ އިތުރުން ރިސޯޓު ތަރައްގީ ކުރުމަށް 85 މިލިއަން ޑޮލަރު ހަރަދު ކުރެވުނު ކަމަށާއި މިފްކޯގެ ކޯލްޑު ސްޓޯރޭޖު ތަރައްގީ ކުރުމަށްޓަކައި 68 މިލިއަން ރުފިޔާ ބަޖެޓު ކުރެވުނު ކަން ރައީސް ސޯލިހު ވަނީ ފާހަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން