ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ހިޔާ ފްލެޓްތަކުގެ ލިސްޓުގައި ހިމެނި ފްލެޓް ނުލިބޭ މީހުންނަށް އެންމެ އަވަހަށް އަޅާ ފްލެޓްތަކުން ފްލެޓް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރުމަށް ހުޅުވާލައިފައިވާ ފުރުސަތުގެ ތެރެއިން މާލެ ސިޓީ، މމޚ ދަފްތަރު 12152، މުޙައްމަދު ސަލީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ފްލެޓް ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން ނިމިގެން ދިޔަ ސަރުކާރުން ފްލެޓް ނުދީ ތިބި ރައްޔިތުންނަށް، މި ސަރުކާރުން ފްލެޓް ލިބޭނެތޯ ސުވާލުކޮށްފަ އެވެ.

އަދި އެ ފްލެޓްތައް ދޭނީ ކޮން އިރަކުންތޯވެސް އޭނާ ސުވާލުކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ދިނުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށާއި އަދި އެމަނިކުފާނުގެ ވައުދު ފުއްދަވާނެ ކަމަށެވެ.

އެގޮތުން މި ސަރުކާރުން އެންމެ ފުރަތަމަ ފަށާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކުން އެ ބޭފުޅުންނަށް ފްލެޓް ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ ކުރީ ސަރުކާރުން ރައީސް ޔާމީން ސަރުކާރު ނިމުނުއިރުގައި ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތައް. ރައީސް ސޯލިހުގެ ސަރުކާރުން އޭގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެސް ހަމައެއް ނެތި އުނިކޮށްލައިފައިވަނީ. އެހެންވީމާ އެ ފަރާތްތަކަށް ފްލެޓް ދޭނެކަމަށް އަޅުގަނޑުމެން ވާނީ ވައުދުވެފައި. އެ ވައުދު ފުއްދާނަން ވީހާވެސް އަވަހަކަށް. އެންމެ އަވަހަށް އެޅޭ ފްލެޓްތަކުން. މި އަހަރުގެ ތެރޭގައި އާ މަޝްރޫއުތައް ފަށާ ގޮތަށް ނިންމާފައި އޮތީ ހުޅުމާލޭގައި އަދި ގުޅިފަޅާއި ގިރާވަރު ފަޅުގައި ވެސް." ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެ މަޝްރޫރުތަކުގެ ތެރެއިން މައްސަަލަ ހައްލުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން