ބުދަ ދުވަހުގެ ރޭ 23:30 އެހާކަންހާއިރު ގޮވި ފެލިވަރު މަސްކާރުޚާނާގައި ހުރި ސްޓީމް ބޮއިލަރަކީ ބަރާބަރަށް ސާވިސް ކުރަމުންދިޔަ ބޮއިލަރެއް ކަމަށާއި، އެވަރުގެ ހާދިސާއެއް ނޭނގި ނުހިނގާނެކަމުގައި ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިވާ މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެއެވެ.

ބޮއިލަރު ގޮވީ ބުރާސްފަތި ދުވަހަށް ބޭނުންވާ މަސް އެރޭ ކައްކަމުންދަނިކޮށެވެ. ޝަމާހު ވިދާޅުވިގޮތުގައި އެ ބޮއިލަރަކީ ގަޑިއަކު 3000 ކިލޯގެ އާވި އުފައްދައިދޭ އޮޒްމަކްސަން ބްރޭންޑުގެ ބޮއިލަރެކެވެ. ބޮއިލަރު ބެހެއްޓިފައި ހުރި ތަނުގައި އިތުރު ދެ ބޮއިލަރު ހުރި އިރު، އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުވާ ކަމަށާއި، އެކަމަކު ގޮވި ބޮއިލަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަން ސަސްޕެންޝަނުގައި މިވަގުތު ހުންނެވި ޝަމާހު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ސާވިސް ހަމަ ވާއިރު އަދި ދުވަހުން ދުވަހަށް އޭގެ ޓެމްޕަރޭޗަރ ލޮގްތައް ސެޓިފައިޑް އިންޖިނިއަރުން ތިބެގެން ބަލަހައްޓާއިރު، އެފަދަ ހާދިސާއެއް މެދުވެެރިވުމުގެ ކުރިން އެނގެން ޖެހޭ ކަމުގައި ޝަމާހު ވިދާޅުވިއެވެ.

ފެލިވަރަކީ ދުވާލަކު 50 ޓަނުގެ މަސް ބަންދު ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިނގަމުންދާ ތަނަކަށްވެފައި، އެ މަސައްކަތަކަށް އެންމެ މުހިންމު އެއް އާލާތް ކަމުގައިވާ ސްޓީމާ ބޮއިލަރު ހަލާކުވެގެން ދިއުމަކީ ފެލިވަރުގެ މުޅި އޮޕަރޭޝަން ހުއްޓުމަކަށް ގެނުވި ކަމަކަށް ވާއިރު، އެއީ މިފްކޯއަށާއި، މުޅި ސިނާއަތަށާއި ދައުލަތަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ދިޔަ ކަމެއްގެ ގޮތުގައި ސަސްޕެންޝަނުގައި މިވަގުތު ހުންނެވި ޝަމާހު އެކަން ސިފަކުރެއްވިއެވެ.

ހާއްސަކޮށް މިފްކޯގެ ސީއީއޯ ސަސްޕެންޝަނުގައި ހުންނެވި ދަނޑިވަޅެއްގައި އެފަދަ ހާދިސާއެއް ހިނގުމަކީ އިއްތިފާގެއް ނޫން ކަމަށާއި، މިކަހަލަ ޖަރީމާތައް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ދެންނެވިކަމަށް ޝަމާހު ވިދާޅުވިއެވެ.

ފުލުހުންގެ ސަމާލުކަމަށް ގެނައީ މި ހާދިސާ ހިނގިތާ 14 ގަޑިއިރު ފަހުންކަން ފާހަގަކުރައްވައި ޝަމާހު ވިދާޅުވީ، ފުލުހުންގެ ފޮރެންސިކް ޓީމް ސައިޓަށް ދިޔައިރު، ސީން ރޫޅާލާފައިވާ ކަމަށެވެ.



"ގޮވި ތަކެތީގެ ބައިތައް ހުރީ ދުރަށް ޖައްސާފަ. މިއީ ހުރިހާ މެޝިނަރީޒްތަކަށް ދަންދެން އިންޝުއަރެންސް ކޮށްފަ ހުރި ތަނެއް. އެކަމަކު އިންޝުއަރެންސަށް ކްލެއިމް ކުރަން ބުނީ އަޅުގަނޑު. އެކަމަކު ދެރައީ އިންޝުއަރެންސް ޓީމް ދިޔައިރު އެތަން ސާފު ކޮށްފައި އޮތުން."

ޝަމާހު ވިދާޅުވިގޮތުގައި ގޮވި ބޮއިލަރަކީ، ބަރާބަރަށް ސާވިސްކުރާ އެއްޗަކަށް ވެފައި، ސޭފްޓީ އެގްޒޯސްޓް ވޭލްތައް ފަންކްޝަން ނުކުރި ސަބަބު ތަހުގީގުކޮށް ބަލަންޖެހެއެވެ.

"ފެނުގައި ލޮނު އެކުލެވޭ މިންވަރު ގިނަވެ، ކޮރޯޑްވި ސަބަބެއް ނުވިސްނޭ. އެކޮޅުގަ ތިބި އިންޖިނިއަރުންގެ ބައެއް ބޭފުޅުން އަޅުގަނޑަށް ގުޅާފައި އެބަ ވިދާޅުވޭ ގޮވި ބައިތައް ބެލުމުން އޭގައި މިވަރުގެ ގޮވުމެއް ގޮވަން ޖެހޭ ވަރުގެ ކޮރޯޝަނެއް ނެތް ކަމަށް." ޝަމާހު ވިދާޅުވިއެވެ.

ބޮއިލަރު ގޮވުމުގެ ސަބަބުން މާލީ ގެއްލުމުގެ ގޮތުގައި އެތައް މިލިޔަން ޑޮލަރެއް ހަރަދުވާނެކަން ފާހަގަކުރައްވައި މިފްކޯގެ ޓެކްނިކަލް ބޭފުޅަކު ވިދާޅުވީ، ހާދިސާ ހިނގުމުގެ 3 މަސް ދުވަސްކުރިން ކުންފުނީގެ ސީނިއާ މުވައްޒަފުންތަކެއް އެމީހުން ދަންނަ އެޖެންޓުން މެދުވެރިކޮށް އޭގެ ބޮއިލަރެއް ބޮޑު އަގުގައި ގަތުމަށް އަގުތައް ހޯދާފައިވާ ކަމުގައެވެ. އަދި ގޮވި ބޮއިލަރު ކައިރީގައި ހުރި ދެ ބޮއިލަރަށް އެއްވެސް ކަމެއް ނުވާއިރު، އެ ދެ ބޮއިލަރުގެ ސްޓޭޓަސް ބެލުމުގެ ނަމުގައި އެކްސްޕާޓެއް ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ޝަމާހު އާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ ސަޕްރައިޒެއް ނޫން ކަމަށާއި އެފަދަ ކަންކަން ތަކުރާރުކޮށް ހިންގަމުންދާ ކަމުގައެވެ.

"މިއުޅެނީ އެކްސްޕާޓެއް ގެނައުމުގެ ނަމުގައި ވަކި ބަޔަކަށް ނާޖާއިޒް ގޮތުގައި މާލީ މަންފާ ލިބިގަތުމަށް މާސްޓާ ޕްލޭނެއް ހަދަން." ޝަމާހު ވިދާޅުވިއެވެ.

މިފަދަ ބޮޑު ހާދިސާއެއް ހިނގިއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިފްކޯގެ ސީއީއޯ ސަސްޕެންޑް ކުރުމަށްފަހު، ދުވަހުން ދުވަހުގެ ކަންކަން ހިންގުމަށް އައްޔަން ކުރި އޯވާސައިޓް ކޮމެޓީގެ ބައްދަލުވުމެެއް ނުބޭވުމަކީވެސް ކަންބޮޑުވުމެއްކަން ޝަމާހު ފާހަގަކުރެއްވިއެވެ.

"ބޮޑު ހާދިސާއެއް ހިނގި އިރު، މިފްކޯގެ ސީއީއޯ ސަސްޕެންޑް ކުރުމަށްފަހު ޕީސީބީން ނެގި އޯވާސައިޓް ކޮމެޓީ ވީތަނެއް ނޭނގޭ. ވަގަށް ކަނޑުމަތިން ތެޔޮ އެބަ ވިއްކާލާ. ޖަޒީރާ 104 ޑޮކް ނުކުރަން އަޅުގަނޑު އަންގާފައިވަނިކޮށް އެކަން ކޮށްފި. ކުއްލި ގޮތަކަށް ދެމިއަލަން ފޮށީގެ ޕްރޮކިއުމަންޓް ހިންގައޭ އެބަ ކިޔާ."

ސަން ފްލަވަރ އޮއިލް، އޮލިވް އޮއިލް އަދި ސޯޔާ ބީން އޮއިލް އާއި ދުވަހުން ދުވަހުގެ އޮޕަރޭޝަންގެ ތެރެއިން ހިންގާ ޖަރީމާތައް ޕީސީބީން ބަލައިފިނަމަ، ގިނަ ކަންކަން ހާމަވާނެކަމުގައި ޝަމާހު ވިދާޅުވިއެވެ.

ސަސްޕެންޑު ކުރުމަށްފަހު ހޭދަވި މުއްދަތުގެ ތެރޭގައި ކުންފުންޏަށް ލިބުނު ގެއްލުން 50 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެކަން ފާހަގަކުރެއްވައި ޝަމާހު ވިދާޅުވީ، މި ދަނޑިވަޅުގައި އެތައް ގުނައެއް ބޮޑު އަގެއްގައި ހދ އާއި މ އަތޮޅުގައި ހުރި އައިސް ޕްލާންޓެއް ގަތުމުގެ މަސައްކަތްވެސް ކުންފުނިން ކުރަމުން ގެންދާ ކަމުގައެވެ.

މިވަގުތު މިފްކޯ ހިންގުމަށް ޕީސީބީން ހަވާލުކޮށްފައިވާ އެކުންފުނީގެ ސީއެފްއޯ އިލްޔާސް ހަނީފް އެތަނަށް ވަޑައިނުގެން ޗުއްޓީ ހޭދަ ކުރައްވާ މައްސަލަ ބައެއް މުވައްޒަފުން ޖައްސައެވެ. ހަނީފަކީ ނިމުނު އެމްޑީޕީގެ ވެރިކަމުގައިވެސް މިފްކޯގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

މީގެ އިތުރުން ޝަމާހު ސަސްޕެންޑު ކުރި ފަހުން ކުންފުނީގެ ހިންގުމުގެ ކަންކަން ބޮއްސުންލާފައިވާ

ކަމަށްވެސް ބައެއް މުވައްޒަފުން ބުނެއެވެ. ހާއްސަކޮށް ޝަމާހުގެ ސަސްޕެންޝަންގެ ނާޖާއިޒް ފައިދާ ކުރީ ސަރުކާރުގައި ތިއްބެވި އެ ކުންފުނީގެ އިސް މުވައްޒަފުންތަކެއް ނަންގަވާކަމުގައި ކުންފުނީގެ މުވައްޒަފުންގެ މެދުގައި ބަހުސް ކުރެވެއެވެ.

ޕީސީބީން ޝަމާހު ފުރަތަމަ ސަސްޕެންޑު ކުރީ 14 ދުވަހަށެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ވަނީ ޝަމާހުގެ ސަސްޕެންޝަން އުވާލުމަށް ޕީސީބީއަށް އަންގާފައެވެ. އެކަމަކު

އެ ބޯޑުން ވަނީ މިމަހުގެ 21 ގެ ނިޔަލަށް ސަސްޕެންޝަން މުއްދަތު އިތުރު ކޮށްފައެވެ.

ޝަމާހު ސަސްޕެންޑް ކޮށްފައިވަނީ ތައިލެންޑު ރިޖެކްޓް މަހުގެ ކޮރަޕްޝަން ހުއްޓުވައި، ކްރެޑިޓަށް މަސް ވިއްކުމުގެ ބަދަލުގައި އެޑްވާންސަށް ފައިސާ ދައްކާ ބަޔަރުންނަށް އިސްކަންދޭން ކުންފުނިން ފެށި ދަނޑިވަޅާ ދިމާކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން