އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވެފައިވަނީ ކުޑަކުދިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. ކުޑަކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވެފައިވަނީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަހަލަ މަންޒަރުތަކަކަށް ވާތީ، ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް، ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނިގޮތުގައި އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށާއި މިފަދަކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އަޅާނެކަން ޔަގީންކުރާނެ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުޑަކުއްޖާއަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވެނީ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި މިމައްސަލާގައި ޤާނޫނީގޮތުން ދެންކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިސްކިތެއްގެ ފާހާނަ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ތަޅައި އަނިޔާކުރާ ތަން ފެންނަ ވީޑިއޯއެއް ރޭ ވަނީ އާންމުވެފައެވެ. އެ ކުއްޖާ އަށް އަނިޔާ ކުރުމަށް ފަހު އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާއާ ދިމާލަށް އެއްޗެހި ކިޔާ ތަން ވީޑިއޯއިން ފެނެއެވެ. އެވީޑިއޯގައި އަނިޔާ ލިބޭ ކުއްޖާ ގިސްލާފައި ރޯ އަޑު ވެސް އިވެއެވެ. މީގެ އިތުރުން އަނިޔާނުކޮށް ދޫކޮށްލަން އެދި އެ ކުއްޖާ ދެފައި މައްޗަށް ތިރިވެ އާދޭސް ވެސް ކުރާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

މި ވިޑިއޯ ބެލި ގިނަ މީހުން ބުނެފައި ވަނީ މި ވިޑިއޯއިން ފެނިގެންދާ މަންޒަރުތަކަކީ ވަރަށް އަސަރުކުރުވި ވަރަށް ހިތްދަތި މަންޒަރު ތަކެއް ކަމަށެވެ.

ގިނަ ބަޔަކު ބުނެފައި ވަނީ ކުދިން މިސްކިތައް ފޮނުވި ނަމަވެސް އެކަނި ދޫކޮށް ނުލައި ބޮޑު މީހެއްގެ ހަވާޅުގައި ފޮނުވުމަކީ މުހިއްމު ކަމެއްކަން މި ހާދިސާއިން ފާހަގަވެގެންދާ ކަމަށެވެ. އެގޮތުން މިކަމުގައި ބެލެނިވެރިންގެ ޒިންމާވެސް ވަރަށް ބޮޑުކަން ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކާސިމް

08-Apr-2024

ފުލުހުން ހާދަ ރަނގަޅޭ ދެއްތޯ ވީޑިއޯ ޝެއަރ ނުކުރުމަށް ވެސް ބުނެފި އަދި އެކަމުގެ އުޅުނީ ކުޑަ ކުދިން ކަމުގައިވެސް ބުނެފި ދެން ޖެންޑާ ބޮލަށް ކަނޑާލީމަ ނިމުނީ. މައްސަލަ ފައިލަށް ގޭންގު ފައިޓުގެ އާ ސިލްސިލާއެއް ވެއްޓުނީ.



ޓްރެންޑިން