އިންޑިއާއިން ޒަރޫރީ މުދާ އެތެރެކުރެވޭ ގޮތަށް ކޯޓާ އާކުރުމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް ޝުކުރު އަދާކޮށްފިއެވެ.

އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާ އެ ގައުމުގެ ސަރުކާރުން އިތުރު ކޮށްދީފައި ވަނީ އިއްޔެއެވެ.

ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް އިންޑިއާއިން ބޮޑު ކޮށްދީފައިވާއިރު ހިލަ/ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް އަދި ބިސް، އަލުވި، ފިޔާގެ އިތުރުން ހަނޑޫ، ހަކުރު، ފުށް ފަދަ ކާޑުގެ ބާވަތްތަކާއި މުގުގެ ކޯޓާ އިން ވަނީ 5 ޕަސެންޓު އިތުރުކޮށްދީފައެވެ.

އެކަމާ ގުޅިގެން ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ހަގީގަތުގައިވެސް ދިގުދެމިގެންދާ އެކުވެރިކަމާއި، ދެޤައުމުގެ މެދުގައި ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވަރުގަދަ ވަޢުދު ދައްކުވައިދޭ އިޝާރާތެއް ކަމަށެވެ.



އިންޑިއާގައި އުފައްދަމުންދާ ފިޔާ އާއި ހަނޑޫ ފަދަ ތަކެތި ބޭރު ކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް ނަމަވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި އެކްސްޕޯޓް ކޮށްފައެވެ.

އިއްޔެ އިތުރުކޮށްދިން ކޯޓާތައް އިތުރު ކޮށްދީފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން