އިންޑިއާއިން އަބަދުވެސް އަވަށްޓެރި ގައުމުތަކަށް އިސްކަން ދޭނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު މިހެން ވިދާޅުވީ، އިންޑިއާއިން ޒަރޫރީ މުދާ އެތެރެކުރެވޭ ގޮތަށް ކޯޓާ އާކުރުމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޖައިޝަންކަރަށް ޝުކުރު އަދާ ކުރެއްވުމުން، އެކަމަށް މަރުހަބާ ކިޔުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާ އެ ގައުމުގެ ސަރުކާރުން އިތުރު ކޮށްދީފައި ވަނީ އިއްޔެއެވެ.

ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް އިންޑިއާއިން ބޮޑު ކޮށްދީފައިވާއިރު ހިލަ/ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް އަދި ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ ވަނީ 5 ޕަސެންޓު އިތުރުކޮށްދީފައެވެ.

އެކަމާ ގުޅިގެން ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ހަގީގަތުގައިވެސް ދިގުދެމިގެންދާ އެކުވެރިކަމާއި، ދެޤައުމުގެ މެދުގައި ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވަރުގަދަ ވަޢުދު ދައްކުވައިދޭ އިޝާރާތެއް ކަމަށެވެ.

ޒަރީރަށް މަރުޚަބާ ދަންނަވައި ޑރ. ޖައިޝަންކަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އަވަށްޓެރި ގައުމުތަކަށް އިސްކަން ދޭނެކަމަށާއި، އަދި އިންޑިއާ ކަނޑުގެ ސަރަހައްދީ ސަލަމަތާއި، ކުރިއެރުން ދަމަހައްޓުމަށް މަސައްކަތްކުރާ ޕޮލިސީ އަށް އަބަދުވެސް އަމަލު ކުރާނެ ކަމަށެވެ.



އިންޑިއާގައި އުފައްދަމުންދާ ފިޔާ އާއި ހަނޑޫ ފަދަ ތަކެތި ބޭރު ކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް ނަމަވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި އެކްސްޕޯޓް ކޮށްފައެވެ.

އިއްޔެ އިތުރުކޮށްދިން ކޯޓާތައް އިތުރު ކޮށްދީފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން