މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރުވެސް އޭރުގެ ސަރުކާރުގެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އާއްމުންގެ ސުވާލަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު' ސިލްސިލާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، މާލެ ސިޓީ، ދަފްތަރު 12151، އާމިނަތު ނަޒީރާ ސުވާލު ކޮށްފައި ވަނީ، ކުރިން ހިންގަމުން އައި މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެދު ދޮގު ބެލުމަށެވެ.

ނަޒީރާ ބުނީ، ކުރީ ސަރުކާރުން ހިންގާފައިވާ ޕްރޮޖެކްޓްތައް މި ސަރުކާރުން ހުއްޓާލާ ވާހަކަ އަޑުއިވޭ ކަމަށެވެ. އެހެންކަމުން އެއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއްތޯ އޭނާ ވަނީ ރައީސް އަރިހުން އައްސަވާފައެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، އެއީ ދޮގު ވާހަކަތަކެއް ކަމަށާއި، މިދިޔަ ސަރުކާރު ވެރިކަމުގައި އޮތް އިރުވެސް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

"މީ އަޅުގަނޑާ ދެކޮޅަށް އެ ބޭފުޅުން، އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތަކުގެ ތެރެއިން އެންމެ އެންމެ ބޮޑު ދޮގު ކަމަށް އަޅުގަނޑު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޭރުގެ ސަރުކާރުގެ މަޝްރޫއުތައް ހުރީ ހުއްޓިފައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ ރަށްރަށުގެ މީހުން އެކަމަށް ހެކިވާނެ ކަމަށެވެ.

އެ ސަރުކާރުގެ ދުވަސްވަރު ކެމްޕޭން ތެރޭގައި އެކި ރަށްރަށަށް ވަޑައިގެންފައި ވާނެ ކަމަށާއި، ނައިބު ރައީސްއާ ދެބޭފުޅުންގެ މައްޗަށް ބަހާލައިގެން ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އެއިން ކޮންމެ ރަށެއްގައިވެސް އޭރުވެސް މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތްތައް ކުރާނެ މީހަކު ނެތިގެން ހޮޅިތައް ހުރީ މަގުމަތީގައި ކަމަށެވެ. އަދި މަގު ހަދަން ފަށާފައިވާ ނަމަވެސް މަސައްކަތް ކުރާ މީހެއްގެ ހިލަމެއް ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމަ އެފަދައިން ބަނދަރުތަކާއި ސްކޫލު އިމާރާތްތަކުގައިވެސް އޮނިގަނޑުން ކޮންމެވެސް ވަރެއް ނިންމުމަށްފަހު މަސައްކަތް ހުއްޓިފައި ހުރިތަން ފެނެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުން އެކަމުގެ މައުލޫމާތު ހޯއްދެވުމުން އެނގިވަޑައިގެންނެވީ، އެ މަސައްކަތްތައް ހުއްޓިފައި ހުންނަތާ ދެ އަހަރެއް ވެފައިވާކަން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އޭރު ކަންކުރި ގޮތަކީ، ޕާޓީގެ ކޮންމެވެސް މީހަކަށް ފައިސާކޮޅެއް ދޭންވެގެން ކޮންމެވެސް ފަރާތަކަށް މަޝްރޫއުތައް ހަވާލު ކުރަމުން ދިޔައީ ކަމަށެވެ. އަދި އެޑްވާންސް ފައިސާ ދެއްކުމަށްފަހު އަނެއްކާވެސް އެހެން ބަޔަކަށް އެ މަޝްރޫއު ދެމުން ދިޔައީ ކަމަށް ރައީސް ވިދާޅުވިއެވެ.

ބައެއް ރަށްރަށުގައި ކުރިއަށް ދިޔައީ ކުދި ކުދި މަސައްކަތްތައްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ބޮޑެތި މަޝްރޫއުތައް ހުރީ މިދިޔަ ސަރުކާރުގައިވެސް ހުއްޓިފައި ކަމަށެވެ. އަދި ގިނަ ކަންކަން ފެށީ މި ސަރުކާރުން ވެރިކަމާ ހަވާލު ވުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން