ގިރާވަރުފަޅުން ދޫކޮށްފައިވާ 1،300 އަށްވުރެ ގިނަ ގޯތި، ގުޅީފަޅަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ 1،300 އަށްވުރެ ގިނަ ގޯތި، ގުޅީފަޅަށް ބަަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށް އެ މިނިސްޓްރީން ބުނެއެވެެ.

އެހެންކަމުން އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިއުލާނުގައި ބުނީ ގިރާވަރު ފަޅުން ދޫކުރި 1،347 ގޯތި ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި އަދި 2050 އަކަފޫޓުގެ 487 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ ހަތަރު ގޯތި ހިމެނޭ ކަމަަށް އެމިނިސްޓްރީ އިން ބުނެއެވެެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިއުލާނުގައި އިތުރަަށް ބުނެފައިވަނީ ގިރާވަރުފަޅުން އެ ސައިޒުގެ ގޯތި ލިބުނު މީހުން، މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅީފަޅަށް ބަދަލުވާން ހުށަހަޅާނަމަ، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށާއި އެ ތާރީހު އަންގާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން