ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން ދައުލަތުގެ ބެލުމުގެ ދަަށަށް ގެނެސް އިސްލާހު ކުރުމަށް ހާއްސަ ފެސިލިޓީއެއް ހެދުމަށް ވިސްނަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުދިންތަކެއް ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ އެކީ އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާ ދިމާވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް އެކުދިން އިސްލާހު ކުރުމަށް ފެސިލިޓީއެއް ހެދުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށެެވެ. އެގޮތުން ފެސިލިޓީ ގާއިމުކުރަން ވަކި ރަށެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ދައުލަތަށް ކުދިން ނަގާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެެ. އަދި އެ ކުއްޖާ އެތަނުގައި 18 އަހަރުވަންދެން ބަލަހައްޓާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ފެސިލިޓީއަށް ގެންދެވޭ ކުދިންނަށް އެތަނުގައި ދީނީ ގޮތުން ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރުވުމާއި، ކުދިންގެ އުމުރާއި ގުޅޭގޮތުން ރަސްމީ ތައުލީމު ދިނުމާއި، އަހުލާގީ ގޮތުން ދޭންޖެހޭ ފަރުވާތައް ދިނުމާއި އަދި ކޮންމެ ކުއްޖަކަށް ދޭންޖެހޭ ވަކި ސައިކޯ ސޯޝަލް އިންޓެވެންޝަން ޕްރޮގްރާމެއް ހެދި އެކުދިންނަށް ކަސްޓަމައިޒްޑް އިންޓެވެންޝަން ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ.

ރާއްޖޭގައި ކުށުގެ ވެށީގައި 18 އަހަރުން ދަށުގެ 200 ވަރަކަށް ކުދިން އުޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން