އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ނުބައި މިސްރާބަކަށް ގައުމު ދީލައިލައިފިނަމަ ފަހުން ހިތާމަކުރަންޖެހިދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް ވާދަކުރަށްވާ އަބުދުއްރަޙީމް (އަދުރޭ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރަށްވާ ހުރިހާ ކެންޑިޑޭޓުންނަކީ މަޖިލީހަށް ހޮވުން ވަރަށް މުހިންމު ބޭފުޅުން ކަމަށެވެ.

އެގޮތުން އެހުރިހާ ކެންޑިޑޭޓުންނަކީ ވެސް ތެދުވެރި އިހުލާސްތެރި ބޭފުޅުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެބޭފުޅުންނަކީ ދިވެހިންގެރާއްޖޭގެ ސިފަ ރާއްޖެއަށް ގެނައުމުގެ އަޒުމްގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މޮޓޯއަކީ އެންމެ ފުރަތަމަ ގައުމު ކަމަށާއި އެ މޮޓޯ ސަރުކާރުގެ ފަރާތުން މަޖިލީހަށް ވާދަކުރަށްވާ ހުރިހާ ބޭފުޅުން ދަމަހައްޓަވާނެ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީ ގައުމުގެ މިސްރާބު ހަމަމަގުން ކައްސާލައި މިނިވަންކަން ގެއްލިފައިވަނިކޮށް ކަމަށެެވެ. އެ މިސްރާބު ރަނގަޅު ކުރުމަށް މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ފުރުސަތު ދިނީ އެމަނިކުފާނުގެ ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ މިހުރިހާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ދެއްވުމަކީ މި މަސައްކަތް ފުރިހަމަ ކުރުމަށް ދެވޭ ވޯޓަކަށްވާނެ، އަޅުގަނޑު އެދެނީ ހުރިހާ ކެންޑިޑޭޓުންނަށް އިތުބާރު ކޮށްދިނުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ފުރަތަމަ ގައުމު އިސްކޮށް ގައުމީ ވިސްނުމުގައި ރައްޔިތުން ވޯޓްލާ އިންތިހާބަކަށް ހެއްދެވުމަށް ގޮވާލައްވާފައެވެ. އެގޮތުން މަޖިލީހުގެ އިންތިހާބަކީ ގައުމީ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމު ނުބައި މިސްރާބަކަށް ގެންދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވަރަށް މަސައްކަތްތަކެއް އެބަކުރެވޭ، މިރަނގަޅު މަގަށް ދިވެހި ރައްޔިތުން ބުރަ މަސައްކަތުން ގައުމުގެ މިސްރާބު ހަމަކޮށްފައި އޮއްވާ އަނެއްކާވެސް ކުރީގައި އޮތް ނުބައި މިސްރާބަށް ގެންދަން މަސައްކަތް އެބަކުރޭ. އެފުރުސަތު އަޅުގަނޑުމެން އެކަމަށް ޣާފިލުވެ ތިބެ އަޅުގަނޑުމެންގެ ތެރޭގައި ހުރި ކުދި ކުދި ހިތްހަނުޖެހުމުގެ ތެރެއިން ލާފައި ނަމަވެސް ދީލާއިލައިފިއްޔާ އަޅުގަނޑުމެން ހިތާމަކުރާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމު ނުބައި މިސްރާބަށް ދީލާލަން ފުރުސަތު ދީގެން ނުވާނެ ކަމަށެެވެ. ރައީސް ވިދާޅުވީ ރައްޔިތުން ތިބީ ތަރައްގީއަށް ފެންބޮވައިގެންފައި ކަމަށެވެ. އަދި ކުރީގައި ހުއްޓިފައި ހުރި އެތައް މަޝްރޫއެއް މިހާރު ފަށާފައިވާ ކަމަށާއި ހެއު ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން