މާލެ ސިޓީ ފުރަބަންދުގެ ހާލަތުގައި ނަގާފައިވާ މަންޒަރެއް؛ މިހާރު ކާފިއު ހިންގަނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް (ރަސް ފޮޓޯ- ޝާހް)
މާލެ ސިޓީ ފުރަބަންދުގެ ހާލަތުގައި ނަގާފައިވާ މަންޒަރެއް؛ މިހާރު ކާފިއު ހިންގަނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް (ރަސް ފޮޓޯ- ޝާހް)
ކޯވިޑް-19އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފަށް ހިންގަމުންދިޔަ 20 ތަނެއް ބަންދުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލި މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްދޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި އިއްޔެވެސް 146 ތަނެއް ބަލާފައިވާކަމަށް އެ އެޖެންސީން ބުނެވެއެވެ. ފިޔަވަޅު އެޅި ތަންތަނުގެ ތެރޭގައި ހިމެނެނީ 8 ސެލޫނަކާއި 7 ފިހާރައަކާއި 3 ކެފޭ/ރެސްޓޯރެންޓެވެ. މީގެ އިތުރުން 2 ޖިމެއްވެސް ބަންދުކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އުސޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު ކަންކަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއް ދެއެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗްޕީއޭގެ ޚާއްސަ ހޮޓްލައިނަށް ގުޅާ އެންގުމުން އަލުން އެތަނެއް އިންސްޕެކްޓް ކުރުމަށްފަހު އުސޫލާއި އެއްގޮތަށް ހުރިނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން އަންނަނީ ދެމުންނެވެ.

ކޯވިޑް-19ގެ ބަލި މާލެއިން ފެނި ބަލި ފެތުރުން ކޯންޓްރޯލުކުރުމުގެ ގޮތުން މާލެ ފުރަބަންދު ކުރުމަށްފަހު އާންމު ހިދުމަތްދޭ ތަންތަން އަލުން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އަލުން ތަންތަން ހުޅުވާލާފައިވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން