ބުލީކުރުމާއި ކުދިންނަށް ދިމާވާ މިބާވަތުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުުން އިސްލާމިކް މިނިސްޓްރީއިން އިސްނަގައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އއ. ރަސްދޫގައި ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، އެފަދަ ކަންކަމަށް މުޅި ގައުމުގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"މިގޮތުން ޚުޠުބާތަކުގެ ޒަރިއްޔާއިންނާ، ދީނީ އެކިއެކި ޕްރޮގްރާމްތަކާ، ފޯރަމްތަކާ، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމުތަކާ، އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ އެކިއެކި ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން މިފަދަ ކަންތައްތަކަށް އެޑްރެސްކޮށް، މި ބާތަވުގެ ނޭދެވޭ ކަންތައްތައް، އަނިޔާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މާތްﷲ އިރާދަކުރެއްވިއްޔާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދު އަޅުގަނޑު އަރުވަން." މިނިސްޓަރ ވިދާޅުވިއެވެ.

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މީގެ ދެ ދުވަހެއް ކުރިންނެވެ.

މިސްކިތެއްގެ ފާހާނަ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ތަޅައި އަނިޔާކުރާތަން ފެންނަ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ. އެ ކުއްޖާއަށް އަނިޔާ ކުރުމަށް ފަހު އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާއާއި ދިމާލަށް އެއްޗެހި ކިޔާތަން ވީޑިއޯ އިން ފެނެއެވެ. އެވީޑިއޯގައި އަނިޔާ ލިބޭ ކުއްޖާ ގިސްލާފައި ރޯ އަޑު ވެސް އިވެއެވެ. މީގެ އިތުރުން އަނިޔާނުކޮށް އޭނާ ދޫކޮށްލަން އެދި އެ ކުއްޖާ ދެފައި މައްޗަށް ތިރިވެ އާދޭސް ވެސް ކުރެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން