ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީނީ ބުރާސްފަތި ދުވަހުއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރަށްވާ ކުރީގެ ޓެލެކޮމް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ، ޔާމީން މިނިވަން ކުރުމުގެ ވައުދުގެ މަތީގައި ދެމި ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން، ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވުމުގެ ހުއްދައަށް އެދި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ފަރާތުން ސިޓީ ފޮނުވާފައި ވާނެ ކަމަށް މަލީޙް ވިދާޅުވި އެވެ.

އޭގެ ފަހުން މަލީހު މިއަދު ވިދާޅުވީ ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ މާދަމާ ރޭ އޮންނާނެ ކަމަށާއި އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެއީ ކަރެކްޝަންސްގެ ހުއްދަ ދެއްވައިގެންކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ނުލިބެ އެވެ.

ކަރެކްޝަންސްގެ ހުއްދަ ނެތި ވެސް ރައީސް ޔާމީން ދޭތެރެ ދޭތެރެއިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންވަމުންދާ އިރު މިހާތަނަށް އެ އިދާރާއިން ރައީސް ޔާމީންއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެެއެވެ.

ޕީޕީއެމް/ ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމުން އެ މަސައްކަތް ކުރުމަށް އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީނެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ބަންދަށް ލުއިދީ، މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން