ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ސޯޝަލް މީޑިއާާގެ ޒަރިއްޔާއިން ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރުމަށް ހުޅުވާލައިފައިވާ ފުރުސަތުގެ ތެރެއިން ވ. ރަކީދޫ، ގުލްޒާރުހިޔާ، މޫނިސާ ދާއޫދު ސުވާލުކުރީ މިހާރަކަށް އައިސް ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ ކަމަށާއި އެހެންކަމުން އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ވިސްނުން އެއްވެސް ވަރަކަށް ގެންގުޅޭތޯ ސާފުކުރުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފެނަކައިގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އެގޮތުން ކުންފުނި އޮތީ އެތައް ބަޔަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރަފައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ ޖެނެރޭޓަރު ސެޓުތަކާއި އަދި އެހެނިހެން އާލާތްތައް ވެސް ހުރީ އެއްގޮތަކަށް ވެސް މަރާމާތުވެސް ނުކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އެތައް ރަށެއްގައި އެތަކެތި ބަދަލު ކުރަން ޖެހިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން މަސައްކަތް ފަށައިގެން މި އުޅެނީ އެކި ރަށްރަށުގައި މި ގޮތަށް ބަދަލުކުރަން ހުރި އެކި ޖެެނެރޭޓަރުތައް ބަދަލުކުރުމާއި އަދި އާ ޖެނެރޭޓަރު ސެޓުތައް ގެނައުމުގެ މަސައްކަތް މި ކުރަނީ." އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ އެހެންމެ ކުންފުނި މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމާއެކު އެ މަސައްކަތަކާ އެކުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"އެހެންވީމަ ހަމައެކަނި ވިސްނުމުގައެއްނޫން އެކަން އޮތީ، ޓްރާންސެޝަނަލް މަރުހަލާގައި އަޅުގަނޑުމެން އެއްކުރި މައުލޫމާތުން އެކަން އެނގިފައިވާތީ އެ ހިސާބުން ފެށިގެން މަސައްކަތް ފަށާފައި ވަނީ. މިހާރު ވެސް ބައެއް ރަށްތަކަށް ވަނީ ހައްލު ގެނެސްފައި. އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަ ކުރެއްވިއްޔާ ފެނިވަޑައިގަންނަވާނީ ފެނަކައިގެ ހާލަތު ރަނގަޅު ކުރެވިގެންދާތަން ރާއްޖޭގެ ހުރިހާ ރަށެއްގައި މި ކަރަންޓުގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދޭނަން." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން