ޖިނާއީ ކުށްތަކަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ހެދުމަށް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވިސްނުން ގެންގުޅޭ ކަމަށް ބުނުމުން، އެކަން ކުރަނީ ކުށްކުރާ ކުދިން ޖަލަށްލައި އަދަބު ދޭން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ސިފަކުރަށްވައި އެކަމާ ދެކޮޅުހައްދަވައިފި އެވެ.

އއ. ރަސްދޫގައި ދެ ކުޑަކުދިން އެހެން ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު އެކަމާ ގުޅުވައިގެން ވަރަށްގިނަ ބަޔަކު އަންނަނީ މިފަދަ ޚިޔާލުތައް ފާޅުކުރަމުންނެވެ. ޕީޖީ ޝަމީމުވެސް މި ޚިޔާލު ފާޅުކުރެއްވީ އެމައްސަލައާއި ގުޅުވައިގެންނެވެ.

ރަސްދޫ މައްސަލައާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރަނީ 15 އަހަރު ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން ކަމަށެވެ.

މިހާރުގެ ގާނޫނު އޮތް ގޮތުން 15 އަހަރުން ދަށުގެ ކުއްޖަކު ޖިނާއީ ކުށެއް ކުރި ނަމަވެސް އޮންނަނީ އެ ކުއްޖަކު އެ ކުށަށް ޒިންމާ ކުރެވޭ ގޮތަކަށް ނޫންކަން އިހުސާން ފާހަގަކުރެއްވިއެވެ.

އެކަމަށް އިޝާރާތްކުރަށްވައި ޕީޖީ ޝަމީމް ފޭސްބުކްގައި ވިދާޅުވީ ގާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަކީ 15 އަހަރު ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އޭގެ މާނައަކީ އެޢުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށާއި އަދި ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި ފިޔަވަޅު އެޅޭނެ ނިޒާމުތައްވެސް އެބަހުރި ކަމަށާއި އެކަމާބެހޭ ގަވާއިދުވެސް އެބަ އޮތް ކަމަށެވެ.

ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ކުދިންނަށް ދޭންވީކީ އަދަބެއް ނޫނެވެ. އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްަނައިދީ، ރިހެބިލިޓޭޓް ކުރަންވީއެވެ. ޝަމީމް ވިދާޅުވީ އަޅުގަނޑުމެން އެންމެންނަށް ވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެ ކަމަށާއި އެހުރިހާ ކުށަކަށް އަދަބުދީ، ޖަލަށްލައި ހެދިނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައ ނުތިބޭނެ ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާއެވެ. އަދަބެއް ނޫނެވެ. ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީވެސް މިކަމުގައި އޮތް ޙައްލެއް ނޫނެވެ. އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފިނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެކެވެ. އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެއެވެ. އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުމެވެ. ހައްލަކީ ރިހެބިލިޓޭޝަނެވެ. ފަރުވާ ދިނުމެވެ. ރަނގަޅު މަގު ދައްކައިދިނުމެވެ. މިކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިއްބެވެ. ކުށްކުރާ އުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށެވެ." ޝަމީމު ވިދާޅުވި އެވެ.

ޕީޖީ ޝަމީމަކީ އަބަދުވެސް މިފަދަ މައްސަލަ ތަކުގައި ވަރަށް މޮޅު ވާހަކަ ދައްކަވާ ޚިޔާލު ލިއުއްވާ ބޭފުޅެކެވެ. އެގޮތުން ވާނުވާ ބަންދުގައި މީހުން ތިބޭ މައްސަލަ ހައްލުކުރުމަށް ވެސް މިފަދަ މޮޅު ޚިޔާލުތައް ފާޅުކުރަށްވާފައި ވެއެވެ. ނަމަވެސް ޝަމީމުގެ ޕީޖީ ކަމުގައި މިވީ ގިނަ އަހަރު ތަކުގައި އަދި އެކަމަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން