ގައުމުގެ މިސްރާބު ހަމަމަގަށް ގެންދެވޭނީ ޒިންމާދާރު އިދިކޮޅު ފަރާތެއް މަޖިލީހުގައި އޮވެގެން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އަންނަ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރެއިން އދ. މަހިބަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާ އަޙްމަދު މުޢާޒު ޖާބިރަށް ތާއިދު ހޯދުމަށް މިއަދު ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތަށްފަހު ކުރެއްވި އެކްސްއެއްގައެވެ.

އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ އިއްޔެ ހަވީރު މަހިބަދޫގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށް، ރަށުތެރެއިންވެސް ބައެއްބޭފުޅުންނާ ބައްދަލު ކުރަށްވާފައިވާ ކަމަށެވެ. އަދި މި އިންތިޚާބުގެ މުހިއްމުކަން ހުރިހާ ބޭފުޅުންނަށް ވިސްނޭ ކަމަށާއި ރާއްޖޭގެ މިސްރާބު މިހާރު ހުރި ގޮތް ސާފުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ގައުމުގެ މިސްރާބު ހުރި ގޮތާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.



"މިސްރާބު ހަމަމަގަށް ގެންދެވެން އޮތީ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ލިބި، ޒިންމާދާރު އިދިކޮޅެއް މަޖިލީހުގައި އޮވެގެން. އެކަން ކަށަވަރުކުރުމަށް މަހިބަދޫ ދާއިރާގެ ގޮނޑިއަށް މުޢާޒް އިންތިޚާބުކުރުމަށް ވޯޓު ދެއްވާނެކަމުގެ ޔަޤީންކަން މިރަށު ރައްޔިތުން ދެއްވި." ކުރިން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް، ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމުގެ ވިސްނުން ހުރީ އެމްޑީޕީ ގައި ކަމަށާއި އެއީ ރައްޔިތުން ޤަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އެގޮތުން އިއްޔެ ކުނބުރުދޫގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށް އެރަށު ބައެއް ރައްޔިތުންނާ ބައްދަލުކުރުމުން ރައްޔިތުން ބުނީ އެ އެވާހަކަ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މިސްރާބު ހުރީ ތަރައްޤީއާ ދުރަށްކަމަށާއި، ތަރައްޤީއާ ދިމާލަށް މިސްރާބު އަލުން ބަދަލުކުރަން ޖެހޭކަމަށް ކުނބުރުދޫ ރައްޔިތުން ބުނި ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން