ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވޯޓްލާއިރު ބަދަލު ހިފުމާއި ދެކޮޅުވެރިވުމަށް މަޖިލީހުން ޖާގަ ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އައްޑޫ މަރަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންނަ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވޯޓްލާއިރު އިސްކަންދޭންވީ ގައުމުގެ ހަމަޖެހުމަށް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކިބައިން އަބަދުވެސް ފެންނަނީ ބަދަލު ހިފުމާއި ދެކޮޅު ހެދުމުގެ ރޫޙު ކަމަށާއި އެކަމަށް މަޖިލީހުގެ ތެރެއިން ޖާގަ ދީގެން ނުވާނެ ކަމަށެެވެ. އަދި އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރަށް ޖެއްސުން ކޮށް ހުރަސްތައް ކުރިމަތިކުރާނެ ކަމަށާއި ސަރުކާރާއި މަޖިލިސް ބޮޑު ހަމަނުޖެހުމަކަށް ހިގައިދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ބަދަލު ހިފުމާއި ދެކޮޅު ހެދުމުގެ ރޫހަށް މަޖިލިސް ތެރެއިން ޖާގަ ދީފި ކަމަށް ވަންޏާ ފެންނާނީ އެކަން. މަޖިލީހާއި ސަރުކާރާ ހަމަނުޖެހުމުގެ ތެރޭގައި ދާނީ. ރައްޔިތުން ތިބޭނީ މުޅިން ބާކީވެފައި، ރައްޔިތުންނަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދި ވަގުތުތައް ބޭކާރުވެގެން ދާނީ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނާނީ ސަރުކާރަށް އެކިކަންކަމުގައި ޖެއްސުން ކުރާތަން މިހާރު ވެސް ފެންނަގޮތަށް, " ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖެ އަނެއްކާވެސް ހަމަނުޖެހުމުގެ ތެރެއަށް ދާންވީ ސަބަބެއް އޮތްތޯ ރައްޔިތުންނާއި ސުވާލު ކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ގައުމަށް ތަރައްގީ އާއި ހަމަޖެހުން ގެނައުމަށް ކަމަށެެވެ.

"ހަމަނުޖެހުމުގެ ސައިކަލްގެ ތެރެއަށް ދާންވީ ސަބަބެއް ނެތެއް ނޫންތޯ.؟ އަޅުގަނޑުމެން ބޭނުންވަނީ ގަައުމަށް ތަރައްގީ ގެންނަން ތަރައްގީ ގެނެސް ފުދުންތެރިކަން ގެނެސް ގައުމަށް ހަމަޖެހުން ގެންނަން ބޭނުންވަނީ. އެހެންވީމަ އެކަމައިގެން އަޅުގަނޑުމެން އެންމެން ކުރިއަށް ދާންވީ މިފަހަރު." ރައީސް މުޢިއްޒު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން