ރާއްޖެ މުއްސަނދި ގައުމަކަށް ބަދަލުކޮށްލައްވާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ވެރިކަން ކުރާ ޕީއެންސީން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަމުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވެސް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ބަންކަރިންގެ މެޕުގައި ރާއްްޖެ މިހާރު ހިމެނިގެން ގޮސްފައިވާކަން ވެސް ސައީދު ފާހަގަ ކުރެއްވި އެވެ. އަދި މިއީ ރާއްޖޭގެ ތާޜީހުގައި ވެސް ކުރިން ފެނިގެން ދިޔަ ކަމެއް ނޫން ކަންވެސް ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރުގެ ކާމިޔާބީ ފާހަގަކުރައްވައި ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެސް މި ސަރުކާރުން ނެރުނު ނަތީޖާ ނެރެން އުޅުނު ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ. އަދި ރައީސް މުއިއްޒު ކަންކަން ކުރައްވަނީ އަމަލީ ގޮތުން ކަމަށް ވިދާޅުވެ މި ސަރުކާރު ތަފާތުކަން ސައީދު ފާހަގަ ކުރެއްވި އެވެ.

"ޑރ. މުއިއްޒުގެ ސަރުކާރު ދިފާއުކުރުމަށް އަޅުގަނޑުމެންގެ ޕާޓީ އާއި ރައްޔިތުން އިންޗިއެއް ވެސް ދޫނުކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ. އަޅުގަނޑު މި ރާއްޖެ މުއްސަނދި ރާއްޖެއަކަށް ބަދަލުކުރާނަން." ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ފައިސާ ހޯދާނެ ގޮތާއި، ދަރަނި ކުޑަކުރާނެ ގޮތާއި، އަރަނި އިތުރު ކުރާނެ ގޮތާއި، މިރާއްޖެ ހުއްޓުމެއްނެތި ތަރައްގީގެ ރޭހުގައި ކުރިއަށް ދާނެ ގޮތް ރައީސްގެ މެނިފެސްޓޯގައި އޮތީ އެކުލަވާލައިފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން