މަރާމާތު ކުރި ޖުމްހޫރީ މައިދާނުގައި ހުންނަ ފެން އަރުވާވަޑާން މިރޭ ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ސިޓީތަކާއި ލޯކަލް ގަވާމަންޓް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ އެ ފެން އަރުވާ ވަޑާން މިރޭ 09:30 ގައި ހުޅުވާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި އެކަމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އާދަމް ޝަރީފް މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި ފެން އަރުވާވަޑާން ހަލާކުވެ ވީރާނާ ވަމުންދާތީ އެތަން މަރާމާތުކުރީ ރައީސް މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބިނާކުރި އެ ފެންއަރުވާ ވަޑާމަކީ އެކި ކުލަކުލައިން ދިއްލޭ ގޮތަށް ހެދި ތަނެކެވެ.

އެތަން ހަދައި ހުޅުވި އިރު ހައުސިން މިނިސްޓަރަކަށް އޭރު ހުންނެވީ ރައީސް މުއިއްޒު އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ނިމިގެން ދިޔަ ސަރުކާރުގައި ފެން އަރުވާ ވަޑާން ނުބެލެހެއްޓި ވީރާނާވާން އޮތީ ދޫކޮށްލައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުންވެސް ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން