ކުޑަކުދިން ކުށަށް ޒިންމާވާން ޖެހޭ އުމުރު ދަށްކުރަން އުޅޭތީ ރާއްޖޭގައި ދާދި އެއްފިކުރެއްގައި މަސައްކަތްކުރާ ފަސް ޖަމިއްޔާއަކުން އެކަމާ ދެކޮޅަށް ތެދުވެއްޖެ އެވެ.

އއ. ރަސްދޫގައި ދެ ކުޑަކުދިން އެހެން ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރަނީ 15 އަހަރު ކަމަށެވެ. އެހެންކަމުން 15 އަހަރު ފުރުމުން ނޫނީ ދައުލަތުގެ ބެލުމުގެ ދަށަށް ވެސް އެފަދަ ކުއްޖަކު ނުގެނެވޭނެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރުގެ ގާނޫނު އޮތް ގޮތުން 15 އަހަރުން ދަށުގެ ކުއްޖަކު ޖިނާއީ ކުށެއް ކުރި ނަމަވެސް އޮންނަނީ އެ ކުއްޖަކު އެ ކުށަށް ޒިންމާ ކުރެވޭ ގޮތަކަށް ނޫންކަން އިހުސާން ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން އެކި ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވާ އިރު ރާއްޖޭގެ ފަސް ޖަމިއްޔާއެއް ގުޅިގެން އެކަމާ ދެކޮޅު ހަދައި ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވަނީ ނެރެފަ އެވެ. އޭގެތެރޭގައި ހިމެނެނީ އުތެމެ ޖަމިއްޔާ، ޓްރާންސްޕޭރަންސީ މޯލްޑިވްސް، ފެމިލީ ލީގަލް ކްލިނިކް، އާކު އަދި ހޯޕް ފޯ ވިމެން ޖަމިއްޔާ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އަމާޒަކީ ކުށަށް އަރަގައިގަންނަ ކުދިން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމަށްޓަކައި މަރުކަޒުތަކެއް ހެދުން ކަމަށެވެ. އަދި އެކުދިން މުޖުތަމައުގައި ބައިތިއްބައިގެން ނުވަތަ އާއިލާ ކައިރީގައި ބައިތިއްބައިގެން ރިހެބިލިޓޭޓްކުރުމަކީ އެހާ ކާމިޔާބުކޮށް ކުރެވޭކަމެއް ކަމަކަށް ތަފާސްހިސާބުތަކުން ނުދައްކާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް ރާއްޖޭގެ ފަސް ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ކުދިން މަރުކަޒު ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

އެގޮތުން ކުށަށް ހުށަހެޅުމުގެ ނިޝާންތައް ފެންނަ ކުޑަކުދިން އާއިލާތަކާ ވަކިކޮށް މަރުކަޒުކުރުމުގެ ސިޔާސަތަކީ އެފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއ،ި އަނބުރާ މުޖުތަމައުއަށް ބާރުވެރި ޒުވާނުންގެ ގޮތުގައި ގެނައުމަށް އެންމެ ރަނގަޅު ސިޔާސަތުކަމުގައި ނުދެކޭކަމަށް ބުންޏެވެ. އަދި އެއީ ކުށަށް ހުށަހެޅިފައިވާ ކުދިންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކުރެވޭނޭފަދަ ސިޔާސަތެއް ކަމުގައި ނުބެލެވޭކަމަށް ވެސް ބުންޏެވެ.

"މަރުކަޒުކުރެވިގެން މިހާތަނަށް ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ނަތީޖާއަށް ބަލާއިރު ބޭނުންވާ ފެންވަރުގެ އިންސާނީ އަދި އުމްރާނީ ވަސީލަތްތަކާއި ބަޖެޓް އަދި ޓެކްނިކަލް އެކްސްޕަރޓީޒް ނެތުމުގެ ސަބަބުން މަރުކަޒުކޮށްގެން ހާސިލުކުރަން ބޭނުންވާ ނަތީޖާ ނުނެރެވޭކަމީވެސް މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ." ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައި ވެެއެވެ.

ހަމަ އެހެންމެ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމުން ކުރާނެ އަސަރުތަކާއިމެދު މުޖުތަމަޢު ހިމެނޭހެން މަޝްވަރާކޮށް ކުޑަކުދިންގެ އަސާސީ ޙައްޤުތައް ހިމާޔަތް ކުރާނެހެން އަދި މި ކުދިން މުޖުތަމަޢަށް އަނބުރާ ރުޖޫޢަކުރެވޭނެ ވިސްނުމަކުން ގޮތެއް ނިންމުމަކީ އަސްލު ހަގީގީ މައްސަލައަށް ވާސިލްވުމަށް އެންމެ ރަގަޅު ގޮތްކަމުގައި ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން އަވަސް ރިހެބިލިޓޭޝަން ނިޒާމަކާއި

މުޖުތަމައުއަށް އަނބުރާ ގެނެއުމަށް ބާރުއަޅާ ނިޒާމެއް ގާއިމުކުރުން މުހިންމުކަމަށް ވެސް ޖަމިއްޔާތަކުގެ ބަޔާނުގައި ބުނެފައި ވެެއެވެ.

ސަރުކާރުން ކުދިން މަރުކަޒުކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވާފައި ވަނީ ކުދިން އުސްލާހުކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރެވޭނެ ޚާއްޞަ ޕްރޮގްރާމުތައް ރާވައި ހިންގައިގެންނެވެ.

ސަރުކާރުން އެކަން ކުރަން އުޅޭތީ ޖަމިއްޔާތަކުން ކަންބޮޑުވި ނަމަވެސް އެކުދިން މުޖުތަމަޢަށް ދޫކޮށް ބައިތިއްބައިގެން އިސްލާހު ކުރެވިދާނެ އެއްވެސް ތަޖުރިބާއެއް، ގޮތެއް އަދި އެފަދަ ނިޒާމެއް ތައާރަފުކޮށް ހިންގާކަށް އެޖަމިއްޔާތަކުން މަސައްކަތެއްކޮށް ޚިޔާލެއްވެސް މިހާތަނަށް ދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މުޙައްމަދު

08-Apr-2024

ހުރިހާ ވެސް މައްސަލައަކީ އިސްލާމް ދީނަށް ވުރެ ހުޅަނގު ގެލާދީނީ ހިއުމަންރައިޓު އިސްކޮށް އެއަށް އަމަލު ކުރުން...



ޓްރެންޑިން