މަސްލަހަތު އެއްކޮށް ގެއްލި އެ ނޫން ގޮތެއް ނެތިގެން ނޫނީ އެސްއޯ ފުލުހުން ފޮނުވައިގެން ދެން މީހުން ހައްޔަރުކޮށް ނުހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރުމަށް ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދާދި ފަހުން ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފްއާއި އެމަނިކުފާނު ބައްދަލު ކުރެއްވި ކަމަށެވެ.

އަދި ބޭނުންވަނީ ގައުމަށް ހަމަޖެހުން ގެންނަން ކަމަށާއި އަދި ފުލުހުންނާ ސިފައިންގެ މައްޗަށް މީގެ ކުރިން ސިޔާސީ ނުފޫޒު ހިނގި ނަމަވެސް ދެން އެކަން އެގޮތަށް ނުހިނގާނެ ކަމަށް އެބޭފުޅުންނަށް ދެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ އެެހެންމެ އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް ވެސް ނުދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑާ ހަމައަކުން މިނިސްޓަރަކާ ހަމައަކުން އަދި އެއަށް ވުރެ ދަށް ލެވެލްއަކުން ވެސް ސިޔާސީ ފައިދާ ހޯދުމަށް ވަކި ފުލުހުންނަށް ސީޕީއަށް ދެން ހުރި ބޭފުޅަކަށް ގުޅައިގެން ކަންކަން ކުުރުމަކީ އަޅުގަނޑު ޓޮަލަޜޭޓްކުރާނެ ކަމެއް ނޫނޭ. އެކަމެއް ނުހިނގާނެ. އެ ޔަގީންކަމާ އެ ހިތްހަމަ ޖެހުން އަޅުގަނޑު ދިނިން. އަދި ދީފަ އަޅުގަނޑު ދެންނެވިން ތި މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދަދޭށޭ އަޅުގަނޑު ބޭނުންވަނީ." ރައީސް ވިދާޅުވި އެެވެ.

ރައީސް ވިދާޅުވީ ކުރިންހެން، އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް އަދި ހައްޔަރުކުރުމުގެ މުއައްސަސާއެއްގެ ގޮތަށް ލޭބަލްވެފައި އޮންނަން ބޭނުންނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދާދި ފަހުން މަސްވެރިންނަށް ފައިސާ ނުލިބިގެން ކުއްޑޫގައި ކުރި އިހުތިޖާޖު ހުއްޓުވަން އެސްއޯ ފުލުހުން ފޮނުވަން ވަރަށް ގިނަ ބޭފުޅުން އެދުނު ކަމަށާއި ނަމަވެސް އެކަން ނުކުރެއްވީ ކަމަށާއި އަދި ބޭނުންވަނީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ކަމަށެވެ.

"އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައަކީ. ކުރިއަށް އޮތް ތާނގައިވެސް އެ ނޫން ގޮތެއް ނެތިގެން ގައުމުގެ މަސްލަހަތު އެއްކޮށް ގެއްލިގެން ނޫން ގޮތަކަށް ނުފެންނާނެ އެ މަންޒަރުތަކެއް. ހަމަ ފުލް ރެސްޓްރެއިން އަޅުގަނޑުމެންގެ ޕޮލިސީއަކަށް ވާނީ." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން