ތަރައްޤީގެ މަޝްރޫޢުތަކުގެ ބޭނުމަށްޓަކައި، ހިމާޔަތް ކޮށްފައިިވާ ސަރަހައްދުތަކުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ވެލި ނެގުމާއި، ބިން ހިއްކުމުގެ ހުއްދަ ދެވޭގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.

ރާއްޖޭގެ ރަށްރަށާއި ފަޅު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާ ކަމެކެވެ.

އެގޮތުން ފަރުގެ ބޭރުކައިރިން ފެށިގެން ރަށުގެ ގޮނޑުދޮށާ ދޭތެރޭ 100 މީޓަރުގެ ފަޅުގެ ތެރެއަށްވާ ސަރަހައްދާއި އެއްވެސް ފަރެއްގެ ނުވަތަ ފަޅެއްގެ ބޭރުތޮށިން ފެށިގެން 500 މީޓަރު އެތެރެވަރިންނާއި ފަޅުތެރޭގައި ރަށެއް އޮންނަ ނަމަ ރަށުގެ ހޭޅިފަށުން ފެށިގެން 50 މީޓަރު ފަޅުތެރޭގެ ސަރަހައްދުން ވެލި ނެގުމަކީ މީގެ ކުރިން މަނާކަމެކެވެ.

އެހެންނަމަވެސް އެންވަޔަރަމެންޓް މިނިސްޓްރީން ގެޒެޓު ކުރި އިސްލާހުގައިވާ ގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ އެންވަޔަރަމެންޓަލީ ސެންސެޓިވް އޭރިއާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކާ 200 މީޓަރަށްވުރެ ކައިރިން ބިން ހިއްކުމާއި ވެލިނެގުން ވަކި ޙާލަތެއްގައި ވަނީ ހުއްދަ ކޮށްފައެވެ.

އިސްލާޙުގައި ބުނެފައިވަނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތަކުގައި ވަކި އުސޫލެއްގެ މަތިން އެފަދަ ތަންތަނުން ވެސް ބިން ހިއްކުމުގެ ހުއްދަ ނުވަތަ ވެލި ނެގުމުގެ ހުއްދަ ދެވިދާނެ ކަމަށެވެ.

އަދި އެފަދަ މަސައްކަތެއް ކުރަންވާނީ މަޝްރޫއު ރާވާ ހިންގާ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތައް ފުރިހަމަ ކުރުމަށްފަހު ވަކި ޝަރުތުތަކެއް ހަމަވާނަމަ އެވެ.

އެއީ ކަނޑުގެ ދިރުންތަކާ ބެހޭ ތަފްސީލީ ދިރާސާއެއް ހެދުމާއި އެތަނުގައި ހުރި ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ގެންގުޅޭނެ ގޮތުގެ ޕްލޭނެއް އޮތުމާއި، ވެލި ނެގުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަނެ، ރައްކާތެރިކަމުގެ އެކަށޭނެ ފިޔަވަޅު އެޅުމަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން