މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު
ގައުމުގެ އިޤުތިޞާދަށް އައިސްފައިވާ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ބަޖެޓު މުރާޖަޢާކޮށް ރައްޔިތުންގެ މަޖިލިހަށް އަވަހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު، އައްޑޫ ޝަރީފު ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ގައުމުގެ އިޤުތިޞާދީ ހާލަތު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަލުން ނަގާ ކޮޅަށް ޖެހުމާއެކު ވިޔަފާރިތަކާއި ރައްޔިތުންގެ މުހުތާދުތައް ފުއްދައި ދިނުމަށް ސަރުކާރުން މިހާތަނަށް ހިންގާފައިވާ މާލީ ހަރަކާތްތަކާއި ކުރިއަށް އަޅަންވީ ފިޔަވަޅުތައް ފާހަގަ ކުރައްވައި އައްޑޫ ޝަރީފު ވިދާޅުވީ މި އައު ބަޖެޓުވާންވާނީ ސަރުކާރުން އަދި ދައުލަތުން ވިޔަފާރިތަކަށް އިންވެސްޓުކުރުމުގެ ތެރެއިން އިޤުތިޞާދަށް ދިރުންދޭ ބަޖެޓަކަށް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދައުލަތުގެ ފައިސާއިން ފޯރުކޮށްދޭ ގޮތަށް ބަޖެޓު ފަރުމާކުރަން ޖެހޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ ނުރަނގަޅު އަސަރުތައް ކުޑަކޮށް އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގައި ބޭރުގެ އެހީތަކާއި ގިނަ ލޯނުތަކެއް ނަގަމުންދާތީ އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ އެތެރޭގައި ތިބި ބައެއް ފަރާތްތަކުގެ ފާޑިކިޔުންތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ހާލަތާއި އެއްގޮތަށް އިޤްތިޞާދު އަލުން އިޔާދަ ކުރުމަށް ލޯނު ނެގުމަކީ މައްސަލައެއް ނޫންކަމަށެވެ.

"ލޯނު ނަގަންޖެހޭ ހާލަތެއްގައި ލޯނު ނަގަންޖެހޭނެ. އަދި އިތުރަށްވެސް ނަގަންޖެހޭނެ. އެއީ މިހާލަތުން އަރައިގަތުމަށް ކޮންމެހެން ކުރަންޖެހިފައި އޮތްކަމެއް" ޝަރީފް ވިދާޅުވިއެވެ.

މި ހިނގާ 2020 ވަނަ އަހަރު ފެށުނު ފަހުން ބޭރުގެ އެކި ފަރާތްތަކުން 3.2 ބިލިއަން ރުފިޔާ ލޯނު ސަރުކާރުންވަނީ ނަގާފައެވެ. ޝަރީފް ވިދާޅުވީ މިހާލަތުން އަރައިގަތުމަށް މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުން އަޅަންޖެހޭ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން މަޖިލިސް ތެރެއިން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖު ނުވަތަ ރިލީފު ޕެކޭޖުން އިޤުތިޞާދުގެ ތެރެއަށް އެތެރެކުރި ފައިސާގެ ސަބަބުން ވަރަށް ރަނގަޅު ނަތީޖާ ނުކުމެފައިވާ ކަމުގައި ޝަރީފު ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުގެ ސަބަބުން އިޤުތިޞާދަށް އައިސްފައިވާ ބޮޑު ހީނަރުކަމުގެ ނޭދެވޭ އަސަރުތައް ކުޑަވީ އެފައިސާ އިޤުތިޞާދަށް ސަރުކާރުން އެތެރެކުރުމުގެ ސަބަބުން ކަމުގައި ޝަރީފު ވިދާޅުވިއެވެ. އަދި އެފައިސާއިން ވިޔަފާރިއާއި ދިރިއުޅުމަށް ވަރަށް ބޮޑަށް ހެޔޮ އަސަރުކުރި ކަމުގައި ޝަރީފު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައިވާ ފަތުރުވެރިކަމުގެ ހީނަރުކަމުން އަރައިގަތުމަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމުގައިވެސް ޝަރީފު ފާހަގަކުރެއްވިއެވެ.

"އިޤްތިޞާދު ނުހުއްޓި ހިންގުމަށްޓަކައި، ރައްޔިތުންގެ ދިރިއުޅުމާއި ފުރާނަ ސަލާމަތް ކުރުމަށްޓަކާ، ރައްޔިތުންގެ ވަޒީފާތައް ސަލާމަތް ކުރުމަށްޓަކާ މާލީ ގޮތުން ބޭނުންކުރެވެން ހުރި ހުރިހާ ފުރުސަތު ތަކެއްގެ ބޭނުން ސަރުކާރުން ހިފަންޖެހޭ. ގިނަ ވިޔަފާރިތައް ނުހުއްޓި ހިންގުމަށްޓަކައި ވަނީ އެހީތެރިކަމަށް ބޭނުންވެފައި. އަދި ދިރިއޮތުމަށް އޮކްސިޖަން ބޭނުންވޭ." ޝަރީފް ވިދާޅުވެފައި ވެއެވެ.

"އިޤްތިޞާދީ މި ދަތި އުނދަގޫ ހާލަތުގައި އަލުން ދިރުން ގެނަސް ގައުމު ރަނގަޅު މަގުން ކުރިއަށް ދިއުމަށްޓަކައި ރަނގަޅަށް ނަޓްތައް ހަމަޖައްސާލައި ބޯލްޓްތައް ބާރުކޮށްލަން ސަރުކާރަށް އެބަޖެހޭ." ޝަރީފު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން