މާލޭގައި 8 ހާސް ރުފިޔާގެ ރޭޓުން ޒަކާތް ބަހަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ރޭ ވިދާޅުވީ ދިވެހިރާއްޖޭގައި ފިޠުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަޤީރުންނަށް ކަމަށެވެ. އަދި އެރަށެއްގައި ފަޤީރަކު ނެތް ނަމަ ޒަކާތް ބަހަނީ އެންމެ ގާތުގައި އޮތް ފަޤީރުން ތިބި ރަށަކަށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

“މާލެއަށް ފިޠުރު ޒަކާތް ދެއްކި އަދަދުވަނީ އިތުރުވެފަ. މާލޭގައި ފަޤީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8 ހާސް ރުފިޔާގެ ރޭޓުން ފިޠުރު ޒަކާތް ވަނީ ބަހަން ފަށާފަ.” ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޒަކާތު ފައިސާ ޖަމާވާނީ ސީދާ އެމީހެއްގެ އެކައުންޓަށް ކަމަށެވެ.

އޭގެ އިތުރުން އެކި ސަބަބުތަކާހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތިކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ވެސް ފިޠުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުން ޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިޠުރު ޒަކާތުން ލިބޭނެ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން