އިސްލާމީވަންތަކަން އިތުރުކުރުމުގެ ވިސްނުމާއެކު އީދު ފާހަގަކުރާތީ އިސްލާމިކް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހީންގެ އިސްލާމީ ވަންތަކަން އިތުރަށް ހަރުދަނާކުރެއްވުމަށާއި އަދި ދީނީ ތަފާތު މުނާސަބަތުތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ދެއްވާ ސަމާލުކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ބަރަކާތްތެރި ފިތުރު އީދުން ފެށިގެން ރާއްޖޭގެ އީދުގެ ތާރީހުގައި މުޅިން އަލަށް ކުލަބޮކީގެ ތަފާތު ކުލަތަކުން ރާއްޖޭގެ އެކި ކަންކޮޅުތައް އީދުގެ މުނާސަބަތަށްޓަކައި ޒީނަތްތެރިކޮށް އީދުގެ ދުވަސްތަކުގައި ތަހްލީލާއި ތަކުބީރުގެ ތަހްޟީދުގެ އަޑު ދިވެހިންގެ މި ލޮބުވެތި ރަށްތަކުން އިވެމުންދާނެ ގޮތް އިންތިޒާމުކުރުމަށް ފެށްޓެވި މަސައްކަޕުޅުން ހާމަކޮށްދެނީ ދީނީ އިހްތިފާލުތައް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން އެމަނިކުފާނު ދެއްވާ ސަމާލުކަން ކަމަށް ބުނެފައި ވެއެވެ.

ހަމަ އެހެންމެ އެ ކަމަކީ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ މުސްލިމު އަހުންނާއި އުހުތުންގެ މޫނުތަކަށް އީދުގެ ހިނިތުންވުން ގެނެސްދީ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ނަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިހާޔަތަށް ޝުކުރު ދަންނަމަވެވެ" މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން