ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން މަސައްކަތް ކުރި ޖަލްސާ ބާއްވަނީ އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުނަގާކަމަށް ބުނެ އެސްއޯ ފުލުހުން ޖަލްސާއަށް ހުރަސް އަޅައިފިއެވެ.

ކުރީގެ ރައީސް ޔާމިން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފެއްދުމަށް ޣިޔާސުއްދީން ސްކޫލުގައި  ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރޭ ނުވައެއް ޖަހާއިރަށެެވެ. އެހެން ނަމަވެސް އެ ޖަލްސާ ބާއްވަން މަސައްކަތްކުރި ޣިޔާސުއްދީން ސްކޫލުގެ ގޭޓް ބަންދުކޮށް އެސްއޯ ފުލުހުން ވަނީ ޖަލްސާއަށް ވަންނަން ދިޔަ މީހުން ވަނަ ނުދީ ޖަލްސާއަށް ހުރަސް އަޅާފައެވެ.

ފުލުހުން ބުނީ ޖަލްސާ ބާއްވަން އުޅެނީ އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުނަގާ ކަމަށެވެ. 

ނަމަވެސް ޕީއެންއެފް އުފައްދަން އުޅޭ އިސް ބޭފުޅުން މީޑިޔާއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ޢިޔާސުއްދީން ސްކޫލާއެކު އެގްރިމެންޓް ހަދައި ހުއްދަ ލިބިފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ގަބޫލުނުކޮށް ޖަލްސާއަށް ވަންނަން އައި މީހުންނަށް ހުރަސް އަޅާފައެވެ. އެގޮތުން ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ދުރުކުރުމަށް ކަރުނަ ގޭސް ވެސް ބޭނުންކޮށްފައެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅޭ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ފުލުހުންނަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އީމެއިލެއް ފޮނުވާފައިވާ ކަމަށެވެ. އަދި، ފުލުހުން ހުރަސް އަޅަމުން ދަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ޖަލްސާ އަށް ފުލުހުން ހުރަސް އަޅާފައިވަނީ ސްކޫލުގެ ހޯލު ވެސް ތައްޔާރުކޮށްފައި ވަނިކޮށެވެ. ޖަލްސާ އަށް އިލެކްޝަން ކޮމިޝަންގެ ބޭފުޅުން ވަޑައިގެން އެސަރަހައްދުގައި ތިއްބެވިއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން