ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދައި އެޕާޓީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އިންތިހާބުކޮށްފި އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ރޭ 9:00 ގައި ބޭއްވުމަށް މަސައްކަތް ކުރި ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން ޖަލްސާ ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ.

ރޭގެ ޖަލްސާގައި ޕީޕަލްސް ނެޝަނަލް ފްރަންޓްގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި 'ޕީއެންއެފް' ވެސް ވަނީ ފާސްކޮށްްފައެެވެ. އެ ދެ ނަން ވެސް ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންއެފްގެ ކުލަތަކުގެ ގޮތުގައި އެޕާޓީން ރޭ ދެ ކުލައެއް ވަނީ ފާސްކޮށްފައެެވެ. އެއީ މަޑު ފެހި ކުލައާއި ނޫ ކުލަ އެވެ. އެ ދެކުލަ ހިމެނޭ ލޯގޯގައި ވަނީ ތަރިއަކާއި ހުޅެވިހަނދެއްކަން ފާހަގަކުރެވެއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި 329 މީހުން ބައިވެރިވި އިރު، އެ ޖަލްސާގައި ވަނީ ޕީއެންއެފްގެ ރައީސްގެ މަގާމަށް ޒެއިން، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން ހަމަޖައްސާފައެވެ. އެ މަގާމުތަކަށް އެ ބޭފުޅުން އިންތިހާބުކުރީ ޖަލްސާގައި ބައިވެރިވި 329 މީހުން ވޯޓުންނެވެެ.

މީގެ އިތުރުން ޕީއެންއެފް ވަގުތީ ގޮތުން ހިންގާ ކޮމިޓީއަށް ރައީސް ޔާމިން ވަނީ އިންތިހާބުކޮށްފަ އެވެ. އެ ކޮމިޓީގައި ޔާމީންގެ އިތުރުން، ޒެއިން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، މަލީހުގެ އިތުރުން 17 މީހަކު ހޮވިއެވެ. ޖުމުލަ 20 މެމްބަރުން ހިމެނޭ އެ ކޮމިޓީއަށް އެ ބޭފުޅުން އިންތިހާބުވެވަޑައިގަތީ ޖަލްސާގެ ބައިވެރިންގެ އިއްތިފާގުން ކަން ފާހަގަކުރެވެއެވެ.

ޖަލްސާގައި ވަނީ ޕީއެންއެފްގެ އަސާސީ ގަވާއިދުވެސް އިއްތިފާގުން ފާސްކޮށްފަ އެވެ.

ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާ ނިމުނު ފަހުން ރައީސް ޔާމީން ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. މިޖަލްސާގައި ޔާމިންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން