ޣިޔާސުއްދީން ސްކޫލު ކައިރީގައި ރޭ ހިނގާދިޔަ ކަންތައްތަކުގައި އެސްއޯ ފުލުހުން ބޭނުންކުރަންޖެހުނު ސަބަބު ބަލާ، ބާރުގެ ބޭނުންކުރިގޮތް ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާން އަންގަވައިފިއެވެ.

ޣިޔާސުއްދީން ސްކޫލުގައި ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބާއްވަން ތައްޔާރުވަމުން ދަނިކޮށް އެ ސުކޫލަށް މީހުންނަށް ނުވަދެވޭގޮތަށް ގޭޓް އެސްއޯ ފުލުހުން ވަނީ ބަންދުކޮށްފައެވެ. އަދި އެ ޖަލްސާގައި ބައިވެރިވުމަށް އައި މީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް އެސްއޯ ފުލުހުންވެސް ހަރަކާތްތެރިވެ، ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕަސް ޕްރޭ ވެސް ޖަހާފައި ވެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރައްވާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާންމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަމަށެވެ. އަދި ޚާއްސަކޮށް އެސް.އޯ ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި އެސް.އޯ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ފުލުހުންގެ ކޮމިޝަނަރަށް އަންގަވާފައިވާ ކަމަށެވެ.

ޣިޔާސުއްދީން ސްކޫލު ގޭޓު ބަންދުކޮށް އެ ސްކޫލަށް މީހުން ވަނަނުދީ ހުރަސްއެޅި އެޅުމާ ގުޅޭގޮތުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ސްކޫލުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެ ސްކޫލު ހިންގާ ފަރާތާއެކު ވެފައިވާ އެއްބަސްވުމެއް ބާތިލުކޮށް އެ ހަރަކާތް ކުރިއަށް ނުގެންދެވޭނެކަން އެ ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަށް އެންގުމުންވެސް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ހުއްދަ ނެތި ސްކޫލަށް ވަދެ އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާތީ އެޑިއުކޭޝަން މިނިސްޓްރީގައި އެ ސްކޫލުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

ޣިޔާސުއްދީން ސްކޫލުގެ މި އެދުމާ ގުޅިގެން، ސްކޫލު ރައްކާތެރިކޮށް އެކަން ހުއްޓުވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ފުލުހުންގެ ހިދުމަތުގައި އެދުމާ ގުޅިގެން ފުލުހުން އެ ސްކޫލަށް ގޮސް އެކަން ހުއްޓުވާފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ބާއްވަނީ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ ބާތިލުކޮށް، އެކަން އަންގާފައި ވަނިކޮށް ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން