އަންނަ މަޖިިލިސް އިންތިހާބުގައި ރައްޔިތުންނަށް އެެންމެ ހެއުގޮތަކީ ހަމަޖެހުމާއި އިންސާފުވެރިކަމާއެކު ތަރައްގީއާއިގެން ކުރިއަށް ދިޔުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ޓިކެޓްގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު، އާމިނަތު މިޔާދާ (އާނަ)ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުން ދާންވީ ހަމަނުޖެހުމުގެ ތެރެއަށް ނޫންކަމަށެވެ. އަދި ރަައްޔިތުންނަށް އެންމެ ހެއުގޮތަކީ ހަމަޖެހުމާއި އިންސާފުވެރިކަމާއެކު ތަރައްގީއާއިގެން ކުރިއަށް ދިޔުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ މަޖިލިސް އިންތިހާބުގައި ގައުމުގެ ހަމަޖެހުމާއި، އިސްތިޤްލާލާއި މިނިވަންކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"ރައްޔިތުން ބޭނުންވަނީ ކަންކަންވާން. ރަައްޔިތުން ސަރުކާރެއް ހޮވަނީ ކަންކުރަން. ސަރުކާރަށް އެއްބާލުން ދެއްވީމަ ކަންވާނެ. މި ސަރުކާރުން މިއޮތީ ކަންކުރަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ނަތީޖާ ނެރެދޭނަން ކޮންމެ ކަމެއްގައި ވެސް،" ނަތީޖާ ނެރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަން ހާމަކުރަށްވައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ވަކި ފިކުރަކަށް ނުބައްލަވާނެ ކަމަށާއި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ހިދުމަތް ދިނުން އެމަނިކުފާނަށް މުހިންމު ކަމަށެވެ. އަދި އެއީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް ކޮންމެ ފިކުރެއްގެ މީހަކަށްވިޔަސް ތަފާތު ނުކުރާނެ ކަމަށާއި މި ސަރުކާރުގައި ތަފާތު ކުރުމުގެ ސިޔާސަތެެއް ނުގެންގުޅޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން