މިއަދު ފާހަގަކުރަމުންދާ ފިތުރު އީދުގެ މުނާސަބަތުގައި އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ފަލަސްތީނުގެ މުސްލިމުންގެ މަތިން ހަނދާން ނައްތާނުލުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ފިތުރު އީދުގެ މި އުފާވެރި ދުވަހުގައި، މުސްލިމުން އުފާފާޅުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ހައްދު ފަހަނައަޅައި ދިއުމާއި ނުލައި ކަމަށާއި އަދި އުފާފާޅުކުރަންވީ އެ ބީދައިގެ ތެރެއިން ކަމަށެވެ.

އިސްލާމްދީނަކީ ފިތުރަތުގެ ދީން ކަމަށާއި މުސްލިމުން އެމީހުންގެ ޢީދުގައި އުފާފާޅުކުރަނީ، ﷲ ހުއްދަކުރެއްވި އިމުގެ ތެރެއިން ކަމަށް ވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

ހުތުބާގައި ދެން އަލިއަޅުވާލީ ފަލަސްތީނުގެ މުސްލިމުން މި އީދުގައި އުޅެމުންދާ ހާލަތަށެވެ.

"ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުކޮށް، ސަލާންގަލާންކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާނުލާށެވެ! އެ ލޮބުވެތި އަޚުންނާއި އުޚުތުން އެދަނީ، މާތްވެގެންވާ އަލްމަސްޖިދުލް އަޤްޞާއާއި، އެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާއުގައި ޖިހާދު ކުރަމުންނެވެ. ފާއިތުވެގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް، އެމީހުން އުޅެމުންދިޔައީ ނުހަނު ނިކަމެތި ހާލުގައެވެ. ރޯދަ ވީއްލުމަށާއި، ހާރުކެއުމަށް، ކާނެ އެއްޗެއް ބޯނެ އެއްޗެއް، ލިބިގެން ނުވާ ޙާލުގައެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހަމަ އެެހެންމެ ފަލަސްތީނުގެ މީހުން ރޭ އަޅުކަން ކުރަމުން ދިޔައީ، ޒަޔަނިސްޓުންގެ އަނިޔާވެރި ހަމަލާތަކުން ސުންނާފަތިކޮށްފައިވާ ބިނާރުތަކާއި ހިރަފުސްތަކުގެ ތެރޭގައި ކަމަށާއި އެ ހާލަތުގައިވެސް އެ އަޚުންނާއި އުޚުތުންގެ ކިބައިން ފެނިގެން ދިޔައީ ﷲ ގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާފަދަ ވަރުގަދަ އީމާންކަން ކަމަށެވެ. މިއީ އެކަންކަމުން އަހަރެމެން އިބުރަތް ލިބިގަންނަންވީ ކަންކަން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން