ސިޔާސީ ޕާޓީތައް އުފެއްދުމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙު މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސް އަޅާފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ސޯލިޙު ވިދާޅުވީ، އަލަށް އުފެއްދި ސިޔާސީ ޕާޓީ، ޕީއެންއެފްގެ އިފްތިތާހީ ބައްދަލުވުމުގައި އެޕާޓީގެ މެމްބަރުން ބައިވެރިވުމަށް ސަރުކާރުން ހުރަސްއެޅުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހައްގު ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

"ސިޔާސީ ޕާޓީތައް އުފެއްދުމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ ޚިޔާލުތަފާތުވުމުގެ ހައްގު ވެސް އަޅުގަނޑުމެން އެންމެންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައި އެބައޮތް." ރައީސް ސޯލިޙު ވިދާޅުވިއެވެ.

"މިއީ ވެރިކަމުގައި ތިބި އެއްވެސް ފަރުދެއްގެ ރުހުމުގައި އަޅުގަނޑުމެންނަށް ލިބިދޭ އިމްތިޔާޒުތަކެއް ނޫން. މި ހައްގުތަކަކީ ކުރިއަރަމުން އަންނަ އޯޕަން ސޮސައިޓީއެއްގެ މުހިންމު ބިންގަލެއްގެ ގޮތުގައި ދިފާއުކޮށް ހިމާޔަތް ކުރަން ޖެހޭ ހައްގުތަކެއް."



ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ރޭ 9:15 ގައި ގިޔާސުއްދީން ސްކޫލްގެ ހޯލުގަ އެވެ. އެހެން ނަމަވެސް ޖަލްސާ ފެށެން ކުޑަތަންވެފައި ވަނިކޮށް ފުލުހުން ވަނީ ގިޔާސުއްދީން ސްކޫލް ގޭޓް ބަންދުކޮށް ޖަލްސާ އަށް ވަންނަން އައި މީހުންނަށް ހުރަސް އަޅާފައެވެ. ފުލުހުން ބުނީ ޖަލްސާ އަށް ހުރަސް އެޅީ އެޑިއުކޭޝަން މިނިސްޓްރީ އިން އަންގައިގެން ކަމަށެވެ.

ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައި އެބައޮތްކަމަށް ރައީސް ޞާލިހު ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެ ހައްގު ހަނިކޮށް އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު އަލުން ބަދަލުކޮށް ކުރިން އެންގުމަކާއި ނުލައި ބޭނުން ތާކަށް އެއްވެ އުޅެވޭގޮތަށް ގާނޫނު ބަދަލު ކުރުމަށް ގެނައި އިސްލާހު އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރުވެސް އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގައި ޕާކް ކޮށްފައެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސ.

14-Apr-2024

އެކަން ޤާނޫނުގައި ހިމެނީ މިސަރުކާރު އައިފަހުންތަ?



ޓްރެންޑިން