މާލޭގައި މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޑަައިގެން ހާލަތު ބައްލަވާލައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މ. ރަބީއުވިލާ ގޭގެ 04 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ލިބުނީ މިރޭ 08:19 ހާއިރު ކަމަށެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން މިރޭ 09:12 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެެ. ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ފަހުން ރައީސް މުޢިއްޒު ވަނީ އެ ސަރަހައްދަށް ވަޑައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލައްވައި މަައުލޫމާތު އޮޅުންފިލުއްވާފައެވެ.

އެހާދިސާއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޓީމެއްވެސް ވަނީ ރަބީޢުވިލާ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާވެފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ ‏މ. ރަބީއުވިލާ ގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދަމުންދާ ކަމަށެވެ. އެހެން ކަމުން ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ވެސް ބަނދުކުރެވިފައި ވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެ މަގުގެ ގެ ތަކުގައި ދިރިއުޅޭ މީހުންވެސް އެ މަގުގައި ހިނގާ ބިނގާވެ އުޅޭ އިރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން