ޗައިނާގެ ޔުއާންއިން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިބީދައިން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ލ.މާވަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސައީދު ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ މަދުވެގެން 2 އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ބަދަލުކޮށް އެއަށްވުރެވެސް ދަށްކުރުމަށްކަމަށެވެ.

ސައީދު ވިދާޅުވީ، ޗައިނާއާއެކު 720 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާއެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ރާއްޖެއިން ކުރާކަމަށެވެ. އެހެންކަމުން ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ އެކި ޤައުމުތަކުން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަށްވާކަމަށް ސަޢީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި އިރާދަކުރެއްވިއްޔާ ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައިވިއަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ.” ސަޢީދު ވިދާޅުވިއެވެ.

ސަޢީދު މިއަދު ވިދާޅުވީ ހަމައެގޮތަށް އިންޑިއާއިން އެތެރެކުރާ ތަކެއްޗަށްވެސް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެ އިންތިޒާމް ހަމަޖެހުމުން ޑޮލަރުގެ ރޭޓް 15.42 އަކަށްވުރެ ވެސް ދަށަށް ދާނެކަމަށްވެސް ސަޢީދު މިއަދު ވަނީ ވިދާޅުވެފައެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން