އިދިކޮޅު ފަރާތްތަކުން ރާވާފައި އޮތީ 90 ދުވަސްތެރޭ ސަރުކާރު ބޭންކުރަޕްޓްކޮށް އައު ސަރުކާރެއް އުފައްދަން ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިބީދައިން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ލ.މާވަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސައީދު ވިދާޅުވީ، ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ސަރުކާރަށް އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެގޮތުން ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 90 ދުވަސް ތެރޭގައި ރާއްޖެ ބަނގުރޫޓްކޮށް އައު ސަރުކާރެއް އުފައްދަން، އިދިކޮޅު ފަރާތްތަކުން ރާވާފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅުގެ ރޭވުން ނާކާމިޔާބުވީ ރައީސް މުޢިއްޒު ނެންގެވި ވަރަށް ބޮޑު ރިސްކެއްގެ ސަބަބުން ކަމަށް ސަޢީދު ވިދާޅުވިއެވެ.

“މުޅި އެތި ޑިޒައިން ކޮށްފައި، ރާވާފައި، ސީލްކޮށްފައި އޮތީ ތިން މަސް ތެރޭގައި، 90 ދުވަސް ތެރޭގައި ދިވެހިރާއްޖެ ބަނގުރޫޓްވާނެ، ބަނގުރޫޓް ވީމަ، ކުރީގެ ބައެއް ރައީސުންނާއިއެކު އާ ސަރުކާރެއް ފޯމް ކުރާނީއޭ.” ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ އެރޭވުން ނާކާމިޔާބު ކޮށްލުމަށް ރައީސް ނެންގެވި ރިސްކަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށެވެ. އަދި އެ ނިންމެވުމަކީ ވަރަށް ބޯލްޑް އެހާ ހިތްވަރުގަދަ ނިންމެވުމެއްކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފުންވެސް ފާހަގަ ކޮށްފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ.

ސައީދު މިއަދު އިތުރަށް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ހުރިހާ އީވޮލެޓެއް ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން މިމަހު 14 ގައި އަލިޕޭ، އަދި ވީޗެޓުން ރަސްމީ ސިފައެއްގައި ވާހަކަދެއްކުމަށް ރާއްޖެ އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް(އެސްޑީއެފް) މިހާރު 35 މިލިއަން ޑޮލަރަށް އަރާފައިވާ ކަންވެސް ވަޒީރު ސަޢީދު މިއަދު ވަނީ ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން