ހައްދުންމަތީގެ ދެވަނަ އެއަރޕޯޓެއްގެ ގޮތުގައި މާވަށުގައި އެއަރޕޯޓެއް ތަރައްޤީކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ހުށައަޅައިފިއެވެ.

މާވަށު ކައުންސިލުން މިގޮތަށް އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މާވަށަށް ވަޑައިގެން އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މަޝްވަރާ ކުރަށްވާފައެވެ.

އެގޮތުން ލާމު އަތޮޅަށް ރައީސް ކުރައްވާ ޒިޔާރަތުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މާވަށަށް މިއަދު ވަޑައިގެންނެވުމަކީ މި ސަރުކާރުން މާވަށަށް ދެއްވާ އިސްކަން ހާމަވިކަމެއް ކަމުގައި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ދަތުރުފަތުރުގެ ދަތިކަމާއި ލާމު އަތޮޅުގެ އެހެން ރަށްރަށާ ހުރި ދުރުމިން ފާހަގަކުރައްވާ މާވަށު ކައުންސިލުން ވަނީ ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ޤާއިމުކުރާނަމަ މާވަށުގައި އެ އެއަރޕޯޓު ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޓޫރިޒަމް ތަރައްޤީ ކުރުމާއި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމާއި ގޯތި ދިނުމަށް ބިން ދޫކުރުމަށް ބިން ހިއްކުމުގެ މުހިންމުކަމުގެ މައްޗަށް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން