އިސްދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ހުށައަޅައިފިއެވެ.

އިސްދޫ ކައުންސިލުން މިގޮތަށް އެދުވީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އިސްދޫއަށް ވަޑައިގެން އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މަޝްވަރާ ކުރަށްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ފުރަތަމަ ފަސް މަސް ދުވަސް ތެރޭގައި އިސްދުއަށް ވަޑައިގެން އިސްދޫ ކައުންސިލާ ބައްދަލުކުރެއްވިކަން، ކައުންސިލް މެންބަރުން އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި އިސްދޫ އިޙްތިސާސްގެ މައްސަލައިގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ހައްލުކޮށްދެއްވައި، އިސްދޫ ކަލައިދޫ ރައްޔިތުންނަށް ގުޅިގެން ހަމަޖެހުމާއެކު އުޅެވޭނެ ފަދަ އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އިސްދޫ، ކަލައިދޫ އަދި ދަނބިދޫ ރައްޔިތުންނަށްވެސް ފަސޭހަވާނެ ފަދައިން އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމުގެ މުހިންމުކަމާއި، ޞިއްޙީ ފަރުވާ ތަރައްޤީކޮށްދެއްވައި އިސްދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމާއި، ބޭންކިންގ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ މުހިންމުކަންވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތައުލީމީ ފެންވަރު މަތިކުރުމާއި، ރަށު ބަނދަރުގެ މަސައްކަތުގެ އިތުރުން ނެރު ބަދަލުކުރުމުގެ މަސައްކަތްތާއި، ކަރަންޓާއި ފެނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން