ރަށުގެ އިޙްތިސާސްގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކަލައިދޫ ކައުންސިލްގެ ފަރާތުން އެދިއްޖެއެވެ.

ކަލައިދޫ ކައުންސިލުން މިގޮތަށް އެދުނީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކަލައިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މަޝްވަރާ ކުރަށްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ މައްޗަށް ކައުންސިލް މެންބަރުން އަލިއަޅުވާލައްވާފައިވެއެވެ. އަދި ރަށުގެ އިޙްތިސާސްގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކަލައިދޫ ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ.

މީގެ އިތުރުން، ކަލައިދޫ ބަނދަރުގެ ޙާލަތު ރަނގަޅު ކުރުމާއި ފުޓްސަލް ކުޅޭނެ ބޮޑު ދަނޑެއް އެޅުމުގެ މުހިންމުކަމާއި ބޮޑު މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކަލައިދޫ ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނަސްފައެވެ. މީގެ އިތުރުން ރަށުގެ ކޯޒްވޭގެ ޑިޒައިނަށް ގެންނަން ފެންނަ ބައެއް ބަދަލުތައް ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވެއެވެ. އަދި ކުނި ނައްތާލުމުގެ ނިޒާމުގައި ހުރި ދަތިތައް ޙައްލުކުރުމާއި ރަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްގެ އިތުރުން ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން