އދ. އޮމަދޫ - އެރަށުން މާލެ ގެނައި ދުވަސްވީ މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓީވްވެފައި
އދ. އޮމަދޫ - އެރަށުން މާލެ ގެނައި ދުވަސްވީ މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓީވްވެފައި
އދ. އޮމަދޫން މާލެ ގެނައި ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ރޭ މާލެ ގެންދިޔަ އުމުރުން 64 އަހަރުގެ އަންހެނަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެއަންހެންމީހާއަކީ އަބަދުވެސް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހެކެވެ.

އިއްޔެ ވަރަށް ބޮޑަށް ނޭވާލާން އުނދަގޫވާތީ، އޭނާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭންފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެ ހޮސްޕިޓަލުން ހެދި ޓެސްޓުން އެއަންހެންމީހާ ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ އދ. އޮމަދޫން ފެނުނު ކޯވިޑް-19 ގެ ފުރަތަމަ މީހާއެވެ.

އެ އަންހެން މީހާ ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމަށް އެޗްޕީއޭއިން އަދި އަންގާފައިނުވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

އޮމަދޫން މިއަދު ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިއްޔެ ވަނީ ކޯވިޑް-19 ފެނި، މިހާރު އެކްޓިވް ކޭސްތައް ހުރި ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ.

ރާއްޖޭގެ މިހާތަނަށް 4448 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 2693 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 1719 މީހަކަށެވެ. އަދި 19 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން