ދަނބިދޫ ތަރައްޤީއަށް ފަށާފައިވާ މުހިންމު ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފިއެވެ.

ދަނބިދޫ ކައުންސިލުން އެރަށުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރީ އެމަނިކުފާނު ހައްދުންމަތީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ދަނބިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މަޝްވަރާ ކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދަނބިދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ފަށާފައިވާ މުހިންމު ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ މިސްކިތުގެ މަސައްކަތް ނުފެށި ލަސްވުމާއި ރަށުގެ އިޖްތިމާޢީ މަރުކަޒެއް ބިނާ ކުރުމާއި ރަށުގެ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ނަރުދަމާ ނިޒާމާއި ރަށު ބަނދަރުގެ ހާލަތުގެ އިތުރުން ރަށް ގިރުމާ ގުޅިގެން ދަނބިދޫއަށް ކުރިމަތިވަމުންދާ ދަތިކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށް، މިކަންކަން ހައްލުކުރުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުންވެސް ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައިވެއެވެ.

އަދި މާވަށު އ.ތ.މ. ކޮމިޓީން، އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް ވެސް ހިއްސާކޮށްފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން