ގައުމަށް ބަދަލުތަކެއް ގެންނަންޖެހޭކަން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުން ރައްޔިތުން ދައްކައިދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ގޯހެއް ހެދިއްޖެ ކަމަށެވެ. އަދި ގައުމަށް ބަދަލުތަކެއް ގެންނަންޖެހޭކަން މަޖިލިސް އިންތިހާބުގެ ވޯޓުން ރައްޔިތުން ސަރުކާރަށް ދައްކައިދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރަނީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އޮޅުވާލި ގޮތަށް، މަޖިލިސް އިންތިހާބުގައި ވެސް ރައްޔިތުންނަށް އޮޅުވާލައިގެން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށެވެެ. އެހެން ނަމަވެސް މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ބިރުހުރި ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މި ސަރުކާރުން ގެންދަނީ ބާރުތައް އެއް ތަނަކަށް ޖަމާކުރަމުން ކަމަށެވެ. އަދި ސަރުކާރުގެ އެފަދަ ކަންކަމާ ދެކޮޅަށް ނުނިކުންނަ ނަމަ ފަހަރަކު ކަމެއް މުށުތެރެއަށް ލަމުން ގޮސް، މި ގައުމު އަނެއްކާވެސް ހުދުމުހުތާރު ބިރުވެރި ވެރިކަމެއްގެ ތެރެއަށް ވައްޓާލާނެ ކަމަށް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ފެންނަނީ ނޫސްތަކަށް ހުރަސް އަޅާ މަންޒަރާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމުގެ މަސައްކަތާއި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި ސަރުކާރަށް ފަސް މަސް ވެގެންދިޔައިރު ފެންނަނީ މީގެ 20 އަހަރު ކުރިން ފެށި މަސައްކަތް އަލުން ކުރަން ޖެހިދާނެ މަންޒަރު ކަމަށް ސޯލިހް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ސ.

14-Apr-2024

ވެރިކަމު ހުރިއިރު ގެނައިބަދަލުން މުޅިރާއްޖެ ހަލާކުކޮަށްފަ ދެންކޮންވާހަކައެއް ތިދައްކަނީ?



ޓްރެންޑިން