އިހަވަންދޫގެ 242 ބޯޓު
އިހަވަންދޫގެ 242 ބޯޓު
ފިނޭ، މާރަންދޫ، ނޮޅިވަރަމްގެ އިތުރުން އުނގޫފާރުގެ މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެނެސްފިއެވެ.

މި ރަށްރަށް މޮނިޓަރިންގެ ޙާލަތުން ނަގާފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، އެރަށްރަށުގެ މޮނިޓަރިންގެ ޙާލަތް އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުންނެވެ.

ފިނޭ އާއި މާރަންދޫގެ އިތުރުން ނޮޅިވަރަމް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ 3 އޮގަސްޓް 2020 ގައެވެ. އަދި އެޙާލަތު އުވާލާފައި މިވަނީ 5 އޮގަސްޓް 2020 ގައެވެ.

ފިނޭ މޮނިޓަރިންގެ ޙާލަތަށް ލާފައިވަނީ ހއ. އިހަވަންދޫ ތަޙުތު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި މާރަންދޫ އާއި ނޮޅިވަރަމް މޮނިޓަރިންއަށް ލާފައިވަނީ އިހަވަންދޫގެ 242 ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވުމުންނެވެ. މި ރަށްތަކުގެ އިތުރުންވެސް މިބޯޓު ޖެއްސި ގިނަ ރަށްތަކެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.

މީގެ އިތުރުން ރ. އުނގޫފާރުން ނެގި ސާމްޕަލްތައް ނެގެޓިވް ވުމާއެކު އެރަށްވެސް ވަނީ އާންމު ހާލަތަށް ގެނެސްފައެވެ. އެރަށުގެ މޮނިޓަރިންގެ ޙާލަތު ނިމުމަކަށް ގެނެސްފައިވަނީ، އެރަށުން ޕޮޒިޓިވްވި ކޭސް އާ ގުޅިގެން ނެގި ސާމްޕަލްތައް ނެގަޓިވް ވުމާ ގުޅިގެންނެވެ. އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ޅ. އޮޅުވެލިފުށީ ބަލި މީީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިއްޔެ ވަނީ ކޯވިޑް-19 ފެނި، މިހާރު އެކްޓިވް ކޭސްތައް ހުރި ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ.

ރާއްޖޭގެ މިހާތަނަށް 4448 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 2693 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 1719 މީހަކަށެވެ. އަދި 19 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން