އެންމެ ތުއްތު އިރުން ފެށިގެން ދަރިން ނަމާދަށް އަހުލުވެރިކުރުވުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

ހުތުބާގައި ބުނީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ މާތް ﷲ ހަވާލު ކުރައްވާފައިވާ އިރު ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ.

އެގޮތުން މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި އަމަލުން ކިޔަމަންތެރިކަން އަދާކުރުން ކަމަށާއި އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށް ކަމަށް ހުތުބާގައި ބުނެފި އެވެ. އެހެންކަމުން ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެއް ކަަން ވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

"ލޮބުވެތި މައިންބަފައިންނޭވެ! އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެކެވެ. އެކަން ބަޔާން ކުރައްވައި ރަސޫލާ ހަދީސްކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންގެ ދަރިންގެ އުމުރުން ހަތް އަހަރުވުމުން ނަމާދު ކުރަން އެކުދިންނަށް އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން ނަމާދު އަޅައިފިނަމަ އެކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރާ އެންމެ ފަހުކަމަކަށް އަނިޔާނުވާނޭ ގޮތައް ގައިގައި ޖަހައިގެން ނަމަވެސް އަދަބުވެރިކުރުވާށެވެ! އަދި އެކުދިން ނިންދަވާ ތަންމަތިތައް ވަކި ކުރާށެވެ."" ހުތުބާގައި ބުނެފައި ވެއެވެ.

އެހެންކަމުން އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެކަމެއް ކަމަށާއި އެންމެ ފުރަތަމަ ނަމާދުގެ ހަރަކާތްތައް ކުއްޖާ ދަސްކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުއާތައް ކިޔަން މަސައްކަތް ކުރާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން