ކޮވިޑް-19 އާ ގުޅިގެން ދޫކުރި ރިލީފް ލޯނުތަކުގެ އިންޓްރެސްޓް މާފުކޮށްދެއްވީ ރައީސް ޞާލިޙް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ކެމްޕޭނުގައި ލ. ފޮނަދޫއަށް ވަޑައިގެން ވިދާޅުވެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާއި އެސްޑީއެފްސީން ދޫކުރި ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓު މާފު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދޫކުރި ރިލީފް ލޯނުތަކުގެ އިންޓްރެސްޓް މާފުކޮށްދެއްވީ ރައީސް ޞާލިޙް ކަމަށާއި އެކަމުގެ ރަސްމީ ސިޓީ 15 ނޮވެމްބަރުގައި ރައީސް އޮފީހުން ދަޢުލަތުގެ މާލީ ވުޒާރާއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ ކޮވިޑް ރިލީފް ލޯންތަކުގެ އިންޓަރެސްޓަށްވާ 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އެއީ ދައުލަތަށް އަނބުރާ ނުލިބޭނެ ފައިސާތަކެއްކަމަށް ކަނޑައެޅުމަށާއި ކުރިން ދައްކާފައިވާ 23 މިލިއަން ރުފިޔާ އެއީ ނެގި ލޯނުގެ އަދަދުކަމަށް ބަދަލުކޮށް ބާކީ ނުދެއްކި އޮތް ލޯނުގެ އަދަދު ބަހާލަދިނުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެހެންކަމުން އިތުރުފުޅު ނުހެއްދެވުމަށް ފައްޔާޒް ވަނީ ރައީސް މުޢިއްޒަށް ގޮވާލައްވާފައެވެ.

“ތެދުތެދަށް ދަންނަވަންޏާ 47 މިލިއަން ރުފިޔާ ކުދި ވިޔަފާރިތަކަށް އެ މާފްކޮށްދެއްވީ. އެހެންވީމަ އެކަމަށް ޝުކުރުވެރިވާންޖެހޭ. ނަމަވެސް މިސިޓީއަކީ 15 ނޮވެމްބަރ 2023 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް ފޮނުވާ މައާފްކޮށްދެއްވާފައިވާ އޮތް އެއްޗެއްގެ ވާހަކަ އަނެއްކާ މިދެއްކީ. ދެން ކީކޭތޯ ބުނާނީ.” ފައްޔާޒް ވިދާޅުވިއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ސެޕްޓެމްބަރ 21 ވަނަ ދުވަހު ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ކޮވިޑުގައި އެސްޑީއެފްސީން ދޫކުރި ވިޔަފާރީގެ އެހީގެ ލޯނުތަކުގެ އިންޓްރަސްޓް ކަނޑާލާ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.

ކޮވިޑް ލޯނުތަކަށް މި ސަރުކާރުން ދިނުމަށް ނިންމާފައިވާ ލުއިތަކާ ގުޅިގެން އެސްޑީއެފްސީން ބުނެފައިވަނީ ކޮވިޑު ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ލޯނުގެ ޕްރިންސިޕަލް އަދަދުން އުނިކުރެވިގެންދާނެ ކަމަށެވެ.

އެގޮތަށް އުނިކުރުމުން އެއްވެސް ފައިސާއެއް ލޯނުގެ ޕްރިންސިޕަލަށްވުރެ އިތުރަށް ދެއްކިފައިވާނަމަ އެ ފައިސާ އަނބުރާ ރައްދުކުރާނެ ކަމަށާއި ނަމަވެސް ލޯނު ދައްކަންޖެހޭ މުއްދަތު 10 އަހަރަށް އިތުރުވެގެންދާނެ ކަމަށް އެސްޑީއެފްސީން ހާމަކޮށްފައިވެއެވެ.

“ކޮވިޑް-19 ވިޔަފާރި އެހީ ލޯނުގެ ދަށުން ދޫކުރެވިފައިވާ ހުރިހާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު ލޯނު ދޫކުރެވުނު ތާރީހުން ފެށިގެން ޖުމްލަ 10 އަހަރަށް އިތުރުކޮށްދޭނެއެވެ،” އެސްޑީއެފްސީން ބުންޏެވެ.

އެސްޑީއެފްސީން ބުނީ އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފުތާ ތެރޭގައި، ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ލޯނުގެ އިންޓްރެސްޓު މާފުކުރުމުން އަންނަ ބަދަލުތައް ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން