ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަންގެ މެންބަރުކަމުގައި ހުންނަވާ މުހައްމަދުގެ އަސްލަމުގެ ނުފޫޒު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީނަށް ހުކުމްކުރުން ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެެވެ. މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރަށްވާ އަސްލަމް ވަނީ ޔާމިންގެ އިސްތިއުނާފްގެ އަޑުއެހުން ލަސްވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތުކުރަށްވާފައެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމްއާ އެމްޑީޕީން ގެންދަނީ ''ފުއް ގަނޑެއް މޮޑޭހެން'' ޖޭއެސްސީ ހިސާރުކޮށްގެން ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އެހެންކަމުން އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

''އަޅުގަނޑުމެން 21 އޭޕްރީލްގައި ތިކަން ނިމުމަކަށް ގެންނާނަން'' މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށް ހާމަކުރަށްވައި ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ނިމިފައިވާ ކަމަށާއި، އެހެން ނަމަވެސް އެމައްސަލައިގެ ޝަރީއަތް ނުނިިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށްވާއިރު 4 މަސްވެގެން ދިޔައިރުވެސް ހުކުމް އިއްވާނުލެވުނު ކަމަށް އަސްލަމް ވިދާޅުވިއެވެ. ރައީސް ޔާމިންގެ ޝަރީއަތް ލަސްވާ ސަބަބު ބެލުމަށް ޖޭއެސްސީ އަަށް ހުށައަޅުއްވާނެ ކަމަަށް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން