އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފިއެވެ.

އައްޑޫސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި، އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިބްރާހީމް ޠަޢާމު މުޙައްމަދު އެވެ.

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ސ. ހިތަދޫގައި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 2000 ޓަނުގެ 3 ތާނގީ އާއި 1000 ޓަނުގެ 3 ތާނގީ އާއިއެކު ޖުމްލަ 6 ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 100 ކޭވީގެ ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުން ހިމެނެއެވެ.

ހަމަ މިމަޝްރޫޢުގެ ދަށުން، ސ. ހުޅުމީދޫގައި އާރް. އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ 3 ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި، 75 ކޭވީ ގެ ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުން ހިމެނެއެވެ. އަދި ހިތަދޫ އާއި ހުޅުމީދޫއަށް ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، ސ. މަރަދޫ، ސ. މަރަދޫ-ފޭދޫ އަދި ސ.ފޭދޫގައި ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ ޖުމްލަ 4 ތާނގީ ބެހެއްޓުން ހިމެނެއެވެ. ހަމަ މިޔާއެކު، މި މަޝްރޫޢުގެ ދަށުން، މި ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި އަދި ސްޕެއަރ ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 282 މިލިޔަން ދިވެހި ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ (1 އަހަރުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން